09 ފެބުރުއަރީ 2023 - 06:37

މުޅި ދުނިޔޭގައި ވެސް ބޮޑު މަަގްބޫލުކަމެއް ހޯދި ސީރީޒް "ލަކާސާ ޑެ ޕެޕަލް" ނުވަތަ "މަނީ ހެއިސް" ސީރިޒްގެ ލީޑު ރޯލަކުން ފެނުނު ކެރެކްޓާ އަދި ޝޯގެ ފޭނުންގެ މެދުގައި އެންމެ މަގުބޫލުވި އަންދްރޭސް ޑެ ފޮނޮޔޯސާ ނުވަތަ ބާލިންގެ އަމިއްލަ ސީރީޒް، "ބާލިން" މި އަހަރު ތެރޭ ނިކުންނާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

ސްޕެއިންގެ "މަނީ ހެއިސްޓް" ސީރީޒް ފަސް ސީޒަނަށް ފަހު ނިންމާލީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ސީރީޒް ވަނީ ޕްރިމިއާ ކުރި ފުރަތަމަ ހަފްތާގައި އެކަނި ވެސް، 190 މިލިއަން ގަޑިއިރު ބަލާފައިވެ އެވެ.
ނެޓްފްލިކްސް އިން މިދިޔަ އަންގާރަ ދުވަހު "ބާލިން" ސީރީޒްގެ ޓީޒާއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސީރީޒް މި އަހަރުގެ ޑިސެމްބަރު މަހު ސްޓްރީމްކުރާނެ ކަމަށެވެ.
ބާލިން އަކީ "މަނީ ހެއިސްޓް" ސީރީޒްގައި ފެންނަ ހުރިހާ މިޝަނެއްގެ އެންމެ އަޑީގައި ހުންނަ އެކަކު އެވެ. އަދި އެއީ އެ ސީރީޒްގެ މެއިން އެއް ކެރެކްޓާ، އެލް ޕްރޮފެސޯގެ ބޭބެ އެވެ. ދުރާލާ ރާވައިގެން ބޮޑެތި ފޭރުންތައް ހިންގާ ގޮތް އޭގައި ދައްކަ އެވެ.
"ބާލިން" ސީރިޒްގައި ފެންނާނީ އެ ކެރެކްޓާގެ އެންމެ ރަން އަހަރުތަކުގައި، ޔޫރަޕްގެ އެކިކަންކޮޅުތަކުގައި ކުރި ބޮޑެތި ވައްކަންތައް ކަމަށް "މަނީ ހެއިސްޓް" ލިޔެ، އުފައްދާފައިވާ އެލްކްސް ޕިނާ ބުންޏެވެ.