08 ފެބުރުއަރީ 2023 - 11:04

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މިސްރާބު ކަނޑައަޅަން ބާއްވާ ކޮންގްރެސްގެ ކުރިން މުހިއްމު ބަދަލެއްގެ ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރަންް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ސިޔާސީ އެންމެ އިސް މަގާމުގެ ގޮތުގައި އޭނާ ހުންނަވާއިރު އިދާރީ ގޮތުން އެންމެ އިސް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރައީސެވެ. ދެން ތިއްބަވަނީ ނައިބު ލީޑަރުންނެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގެ ފުރަތަމަ ބުރުގައި ޖޭޕީން ވާދަކޮށްފައިވާ އިރު، ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ. އެ ޕާޓީގެ އަސަސީ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކީ އޭރަކު ޕާޓީގެ ލީޑަރެވެ.
ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގެންނަން އުޅޭ ބަދަލާއެކު، ރާއްޖޭގެ އެހެން ހުރިހާ ޕާޓީތަކެކޭ އެއްގޮތަށް އެ ޕާޓީގެ އެންމެ އިސް މަގާމުގައި ދެން ހުންނަވާނީ ރައީސަކު ކަމަށެވެ. މި އިސްލާހު މިއަދު ހެނދުނު އޮންނަ ކައުންސިލް ބައްދަލުވުމުގައި ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލު ފާސްކުރާނީ މި މަހު 24 ގައި އޮންނަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގަ އެވެ.
ޖޭޕީގެ ރައީސެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ޖިންސީ ގޯނާގެ މައްސަލައެއްގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާއަށް ކުރި ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރަން ކައުންސިލަށް ހުށަހެޅި ނަމަވެސް މަޝްވަރާކޮށްފައި ގޮތެއް ނުނިންމަ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ރައީސްގެ މަގާމަށް، ގާސިމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ޕާޓީގެ ރައީސަކު ހޮވާނީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިންނެވެ.
ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކޮންގްރެސް ފަށަން ތައްޔާރުވެފައި އޮތް އިރު މިއަހަރުގެ ރިޔާސީ އިންތިހާބާ މެދު ގޮތެއް އަދި ނުނިންމަ އެވެ. ރިޔާސީ ކެންޑިޑޭޓަކު ނެރެގެން ވަކިން ވާދަކުރާނީތޯ ނުވަތަ ސަރުކާރު ކޯލިޝަނާ އެކު ކުރިއަށްދާނީތޯ އިއުލާނެއް ނުކުރެ އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރި ހުރިހާ ފަހަރުތަކުގައި ވެސް އިންތިހާބު އަހަރު ފަށާއިރު ޕާޓީއަށް މީހުން އިތުރުކޮށް ރިޔާސީ ކެންޑިޑޭޓާ އެކު ކެމްޕޭން ހަރަކާތްތައް އޮންނަނީ ފަށައިފަ އެވެ. އެކަމަކު އެހެން ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓު ކަނޑައެޅި އިރު ވެސް ޖޭޕީ އޮތީ ހިމޭނުންނެވެ.
ރިޔާސީ އިންތިހާބުގައި ބޮޑެތި ހުރިހާ ޕާޓީތަކުން ވެސް އިންތިހާބު ކާމިޔާބުކުރަން ކޯލިޝަން ހަދަން ފުރަތަމަ ހުށަހަޅަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. އިންތިހާބުތަކުގައި އޭނާ ދޫކޮށްލެވޭކަށް ނޯވެ އެވެ. ވެރިކަން ހޯދައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.
ޕާޓީތަކުގައި މެމްބަރުންގެ އަދަދު ކިތަންމެ ގިނަޔަސް ވޯޓުލާ އާބާދީގެ 50 ޕަސެންޓަށް ވުރެން މަތިން ހޯދައި އެއްބުރުން އިންތިހާބު ކާމިޔާބުކޮށްލޭވެނެ ޕާޓީއެއް ނެތެވެ. ގާސިމް ނިންމަވާ ގޮތެއް މުހިއްމުވާ ސަބަބަކީ މި އެވެ.
ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މި ސަރުކާރާ އެކު މިހާތަނަށް ދެމިއޮތަސް ގާސިމް ވަނީ ބަހުގެ ހަމާލަތަކެއް މި ފަހުން އަމާޒުކުރައްވައިފަ އެވެ. އެ ޕާޓީ ވިސްނަން ޖެހިފައި އޮތީ އަބަދު އެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ދެމިނޯވެ އެކަނި ވެރިކަން ކުރަން ކަމަށާއި އެ ގާބިލްކަން ޕާޓީގައި ހުރި ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
އެހެންވިޔަސް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ދެ ވަނަ ދައުރެއް ކާމިޔާބުކުރައްވަން ކުރާ މަސައްކަތުގައި ވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެން 2023 ކާމިޔާބު ކުރެއްވުމެވެ.