ބިންހެލުމުގައި ތުރުކީގެ ގޯލްކީޕަރެއް މަރުވެއްޖެ
ބިންހެލުމުގައި ތުރުކީގެ ގޯލްކީޕަރެއް މަރުވެއްޖެ

މަލަޓިއާ (ފެބްރުއަރީ 8) ތުރުކީގެ ބިންހެލުމުގައި ގެއްލުނު، އެ ގައުމުގެ ގޯލްކީޕަރެއް ކަމަށްވާ އަހުމަދު އެޔޫޕް ތުރުކަސްލާން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެކަމަކު ގެއްލުނުކަން އިއުލާން ކުރި ގާނާގެ ގައުމީ ޓީމުގެ ފޯވާޑް ކްރިސްޓިއަން އަޓްސޫ ދިރިހުއްޓާ ވަނީ ސަލާމަތްކޮށްފަ އެވެ.

ތުރުކީގެ ދެ ވަނަ ޑިވިޝަން ކްލަބް ޔެނީ މަލަޓިއާސްޕޯ އަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ކީޕަރު ތުރުކަސްލާން، ބިންހެލުމުގައި މަރުވެފައިވާ ކަމަށް އެ ކްލަބުން އިއުލާން ކުރީ ރޭ ގަ އެވެ.

"ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެގެން އަހަރެމެންގެ ކީޕަރު އަހުމަދު އެޔޫޕް ތުރުކަސްލާން ވަނީ މަރުވެފައި. މޮޅު ކީޕަރެއްގެ އިތުރުން އޭނާ އަކީ ވަރަށް ރަނގަޅު ސިފަތަކެއް ލިބިފައިވާ މީހެއް،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހަށްދަށް އައި މި ބިންހެލުމުގައި މިހާތަނަށް 7،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ހޯމަ ދުވަހު ކުރިމަތިވި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުނު ލިބުނު ޕްރޮވިންސް ހަޓައި އަށް ނިސްބަތްވާ ހަޓައިސްޕޯ އަށް ކުޅެމުންގެންދާ ފޯވާޑް ސަލާމަތް ކުރީ އިމާރާތުގެ ދަށުންނެވެ.

ގާނާގެ އެފްއޭއިން ބުނީ، އަޓްސޫ ފެނިފައިވާ ކަމުގެ އުފާވެރި ހަބަރު ލިބިފައިވާ ކަމަށެވެ.

"މިހާރު އޭނާ އަށް ދަނީ ފަރުވާ ދެމުން. އޭނާ އަށް އަވަސް ޝިފާއަކަށް އެދެން،" ގާނާގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ތުރުކީ ލީގުގައި ކަސިމްޕޯސާ އާ ދެކޮޅަށް 1-0 އިން މޮޅުވި މެޗުގައި ހަޓައިސްޕޯގެ ލަނޑު ޖެހީ ވެސް އަޓްސޫ އެވެ.

ޗެލްސީ އާއި ނިއުކާސަލްގެ ކުރީގެ ފޯވާޑް ތުރުކީ ލީގަށް ބަދަލުވީ 2021 ގަ އެވެ. ނިއުކާސަލް އަށް 121 މެޗުގައި ކުޅެފައި ވެއެވެ. ރަފާ ބެނިޓޭޒްގެ ކޯޗުކަމުން 2017 ގައި އިނގިރޭސި ޕްރިމިއާ ލީގަށް ނިއުކާސަލް ކޮލިފައި ކޮށްދިނިމުގައި އަޓްސޫ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭރު އޭނާ އެ ކްލަބަށް ކުޅުނީ ޗެލްސީގެ ލޯނު އެއްބަސްވުމުގެ ދަށުންނެވެ.

ބިންހެލުން އައުމުން ތުރުކީގެ ކުޅިވަރު ހުރިހާ ހަރަކާތްތަކެއް އެ ގައުމުގެ ސަރުކާރުން ވަނީ މެދުކަނޑައިލައިފަ އެވެ.