07 ފެބުރުއަރީ 2023 - 17:45

ނޫސްވެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އިލްތިމާސް ކޮށްފި އެވެ.
އެމްބީސީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތާ ދިމާކޮށް ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާވެފައި ވާ ކަމަށެވެ.
އެ އެއްވުމުގައި އުޅުނު ބައެއް ނޫސްވެރިންނަށް، އެ ފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ބައެއް އާންމުންގެ ފަރާތުން އެކިވަރުގެ ހުރަސްތައް ކުރިމަތިވެފައިވާ ކަމަށާއި އެ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ، އެ ކަންތައްތަކާ ގުޅިގެން، ހާއްސަ ސަމާލުކަމެއްދީގެން މޮނިޓަރިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިފަދަ ކަންކަމަށް ބޭނުންވާ ދާއީމީ ހައްލު ގެނައުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ގާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރަން،" އެ ބަޔާނުގައިވެ އެވެ.
"އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ގާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް އިލްތިމާސްކުރަން."
މީގެ އިތުރުން އެ ކޮމިޝަނުން ވަނީ އެފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ "އެކްރެޑިޓޭޝަން ކާޑު" އަބަދު ވެސް ފެންނަ ގޮތަށް ބެހެއްޓުމަށް ނަސޭހަތްތެރިވެފަ އެވެ.
އިއްޔެގެ ރިޔާސީ ބަޔާނާ އިއްވުމާ ދިމާކޮށް، ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ޗެނަލް13 ގެ ދެ ނޫސްވެރިއަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއެއްގެ ހާލު ސީރިއަސްވެ ސްރީ ލަންކާ އަށް މިހާރު ވަނީ އިތުރު ފަރުވާ އަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނެފައި ވަނީ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވިޔަސް އެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.