07 ފެބުރުއަރީ 2023 - 16:31

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން ތަޅުމުން ނެރެން ޖެހޭ ހާލަތްތުގައި އަންހެން ސެކިއުރިޓީން ފޮނުވައިގެން އެކަން ކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ހުށަހަޅުއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ފިރިހެން މެމްބަރުންތަކެއް ތަޅުމުން ނެރެން ޖެހުނީ އަންހެން ސެކިއުރިޓީން އަމިއްލައަށް ބޭނުންވެގެން ނޫން ކަަމަށެވެ. މަޖިލީހުގައި އިއްޔެ ހިނގައިދިޔަ އެ ހާދިސާއާ ގުޅުވައި އަންހެން ސެކިއުރިޓީން ބަދުނާމުކޮށް ހަޑިހުތުރު ބަހުން ސޯޝަލްމީޑިއާގައި ފުރައްްސާރަކޮށް ހެދުން އޭނާ ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ނެރެން އަންހެން ސެކިއުރިޓީން ހަރަކާތްތެރިވާން ޖެހުނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ސައީދު އަތުގައި ހިފައި އަންހެން ސެކިއުރިޓީން އޭނާ ނެރެނިކޮށް ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ލަވަ ހަދައި ވެސް އާއްމުކޮށްފައިވެ އެވެ.
"ފިރިހެން މެމްބަރުން ގައިގައި އަތްލާ ހިތުން ތެދުވެގެން މިތަނުގައި އެ ބޭފުޅުން އެއްވެސް ކަމެއް ކޮށްފައެއް ނެތް. މިތާ ހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެ ބޭފުޅުންނަށް އިންސްޓްރަކްޝަން ދެއްވި ގޮތަށް އަމަލުކުރައްވާފައިވާ ގޮތެއް،" އޭނާ ވިދާޅުވި އެވެ.
އަންހެން ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރަނީ މަދު އަންހެނުންތަކެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުން އަގުވައްޓާލުން ބަލައިނުގަނެވޭ ކަމަށެވެ. މިއީ އެފަދަ ދާއިރާތަކުގައި ތިބި އަންހެންނަށް އަދި ނުކުންނަން ތިބި މީހުންނަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެެވެ.
"ފުލުހުން، ކަސްޓަމްސް އިމިގްރޭޝަންގައި ވެސް އަމަލުކުރާއ އާއްމު އުސޫލަކީ އަންހެނުން ފާސްކުރަނީ އަންހެނުން. ފުލުހުން ފާސްކުރަނީ ފިރިހެނުން. ފުލުހުން ވެސް އަންހެނުން ހައްޔަރުކުރުމާއި ދުރަށް ލުމުގައި ވެސް އަންހެން ފުލުހުން ހަރަކާތްތެރިވަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އިއްޔެ ހިނގައިދިޔަ ކަންކަމަކީ އާއްމު އުސޫލުން ބޭރުގައި ހިނގި ކަންތައްތަކެވެ. އެހެންކަމުން މިކަމުގައި އަންހެން ސެކިއުރިޓީން ލަދުގަންނަވާލައި ހަޑިހުތުރު ބަހުން ފާޑުކިޔައި ހެދުން ހުއްޓާލަން ރޮޒައިނާ އެދިވަޑައިގަތެވެ.
މިކަމަށް ހައްލެއް ހޯދުމަށް އަންހެން ސެކިއުރިޓީންނަށް އެފަދަ ހާލަތްތަކުގައި ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ.