08 ފެބުރުއަރީ 2023 - 06:43

ރާއްޖޭގައި ފަހަކަށް އައިސް މަގްބޫލުކަން ހޯދަމުން އަންނަ ވޯކަލިސްޓު އަބްދުﷲ ފަރީދު (އަބޯ) ގެ އާ ލަވަ، "ހިޖާބީ ހޫރު" މިއީ އޭނާގެ ހިތާ ގުޅިފައިވާ މުހިންމު ލަވައެކެވެ.

ސައުންޑްކްލައުޑް، ޔޫޓިއުބް އަދި ފޭސްބުކުގައި އިއްޔެ އާންމުކުރި އެ ލަވައިން ކިޔައިދެނީ ނިވާކަން ބޮޑުކޮށް ހެދުން އަޅާފައި ހުންނަ އިރުގެ ރީތި ކަމުގެ ވާހަކަ އެވެ.
ލަވަ ކޮމްޕޯޒްކޮށް އަމިއްލަ ރާގަކަށް، އަބޯ ލިޔެ އަދި އޭނާ ކިޔާފައިވާ އެ ލަވަޔަކީ މިހާތަނަށް މަސައްކަތްކުރި އެންމެ ބޮޑު ޕްރޮޖެކްޓުކަމަށް "މިހާރު" އަށް އޭނާ ކިޔައިދިނެވެ.
"މިއީ އަހަރެން ވަރަށް އުންމީދުކުރި، ހުވަފެނީ ޕްރޮޖެކްޓެއް،" އަބޯ ބުންޏެވެ.
އެ ލަވައިގެ މަގްސަދަކީ، ދިވެހި ޅެންތަކުން އާންމުކޮށް ސިފަކޮށްނުދޭ އަންހެނުންގެ ސިފަތައް ބަޔާންކޮށްދިނުން ކަމަށް އޭނާ ބުންޏެވެ.
"ކަޅު ސާލުގައި، ފަރުދާ ވެފައި،
އެ އިނީ ޔަގީން، ރާނީ އެކޭ،
ލަދުވެތިވެފައި އިން ހޫރެކޭ"
އެ ލަވައިގައި ނިވާކަން ބޮޑު ހެދުން ލައިގެން ތިބޭ އަންހެންކުދިން އަބޯ ސިފަކޮށްދިނީ ރާނީންގެ ގޮތުގަ އެވެ. އަދި މިސާލެއްގެ ގޮތުގަ އެވެ.
"ޓޮނިކް ލައިވް ސްޓޫޑީއޯ" އިން ރެކޯޑު ކޮށްފައިވާ އެ ލަވައިގެ މިއުޒިކާއި މިކްސިން އަދި މާސްޓަރިންގެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އެވެ.
އަބޯ ބުނީ މި ލަވައިގެ މަސައްކަތަށް މަސް ދުވަސް ހޭދަވި ކަމަށެވެ.