07 ފެބުރުއަރީ 2023 - 12:10

ހުޅުމާލެއިން "ގެދޮރުވެރި ކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓްގެ ތެރެއިން ކުލި ނުދައްކާ ހުރި ތަންތަނުގެ ޕޭމެންޓް ރީޝެޑިއުލްކޮށްދޭން ނިންމައި އެ ގޮތަށް ހަމަޖައްސަން ބޭނުންވާ މީހުންނަށް ޕްލޭނިން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ނުދެއްކި ހުރި ޕޭމަންޓްތައް ރީޝެޑިއުލް ކުރަން ބޭނުން ނަމަ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ހުޅުމާލެއިން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން މި ފްލެޓްތައް ދޫކުރީ 2018 ވަނަ އަހަރު އެވެ. މިއީ ޗައިނާ ސަރުކާރުގެ ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓުތަކެެކެވެ.
ސަރުކާރުން މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. އެކަމަކު ގަވާއިދުން ފައިސާ ނުދެއްކިޔަސް މިހާތަނަށް އެއްވެސް ބައެއްގެ އަތުން ފްލެޓް އަތުލައިފައެއް ނުވެ އެވެ.