07 ފެބުރުއަރީ 2023 - 11:33

ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ވިއްކާއިރު، ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ބިމުގެ ދަތިކަން މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ވިޔަފާރިވެރިންނަށް މިހާރު ވެސް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ދިނުމުން އެކަމުގެ ނޭދެވޭ އަސަރު ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ.
އެކަމަކު އޭނާ ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުން ފާހެއް ނުވި އެވެ. އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބަހުސްކުރުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެކެވެ. ދެކޮޅަށް 36 މެމްބަރުން ވޯޓު ދެއްވި އެވެ.
ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އިއުލާނުގައި ދިވެހިންނަށް ބިން މިލްކުރެވޭނެ ކަމަށް އޮތްއިރު، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ، 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލާގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށް ވާއިރު، ހާއްސަކޮށް ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދޭތީ ކަންބޮޑުވާ ކަމަަށެވެ.
އެ ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ބިދޭސީންނާ ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ އެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެމްއެންޕީގެ ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ވިއްކާނީ ތިލަފުށި "ޒޯން އޭ" ގައިވާ ބިންތަކެވެ. އެ ބިންތައް ދެނީ ތިލަފުށިން އެންމެފަހުން ހިއްކި ސަރަހައްދުންނެވެ. ނަމަވެސް ވިއްކަނީ ސީދާ ކިތައް ބިން ކަމެއް އެޗްޑީސީން ނުބުނެ އެވެ.