17 ޖެނުއަރީ 2017 - 23:27

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖޭގައި ކުށްކުރުން މަދުވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް، އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ފެއްޓެވި ކެމްޕޭނުގެ ދަށުން، ބައެއް އަތޮޅުތަކުގެ މީހުންނާ ބައްދަލުކުރެއްވުމަށް ކާނިވަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އާދަމް ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، 2013 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ކުށްކުރުން މަދުވެއްޖެ ކަމަށެވެ. އަދި އެއީ ޒުވާނުންނަށް ރައީސް ޔާމީން ފަހިކޮށްދެއްވި އެކި ފުރުސަތުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވިގޮތުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން، ވެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމާއި ސިއްހީ ދާއިރާ ރަނގަޅު ކުރައްވައި، އިގްތިސާދީ ބޮޑެތި ތަރައްގީތައް ގެންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށުގައި ބަނދަރު ހެދުމާއި ސްކޫލުތައް ހެދުމާއި މާލޭގައި ރީތި ޕާކުތަކެއް މި ވަނީ ހައްދަވައިދެއްވާފައި. މިއީ ރަނގަޅު ވެރިއަކު ވެރިކަމަށް ވަޑައިގަތީމަ ފެންނާނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވިއިރު، ހުރިހާ ބޭފުޅުންގެ ވެސް ވާހަކަތައް އަމާޒު ކުރެއްވީ ރައީސް ޔާމީން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެ ޕާޓީގެ ކެމްޕޭން ޓީމުން ނިކުމެ ތިބީ، އަންނަ އަހަރުގެ ރިއާސީ އިންތިހާބުގައި އެމްޑީޕީ ބަލިކުރަން ކަމަށާއި ދުވަހަކު ވެސް އެ ޕާޓީ އަށް ރާއްޖޭން ޖާގަ ނުލިބޭނެ ކަމަށެވެ.
އަދި ދިވެހި ލޭ ހުރި އެއްވެސް މީހަކު އެމްޑީޕީ އަށް އެ ފުރުސަތު ނުދޭނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ގައުމުގައި އިސްލާމް ދީން ހިމާޔަތް ކުރެވޭނީ ވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ކަމަށާއި އެހެންވެ، ކުރިއަށް އޮތް ދައުރުގައި ވެސް އެ މަނިކުފާނު ވެރިކަމަށް ގެންނަވަން ޖެހޭނެ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތު ހާއްސަކޮށްފައިވަނީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ، ރ، ކ، ވ، މ، ފ، ދ، ތ އަދި ޏ. އަތޮޅުގެ މީހުންނަށެވެ.
ކާނިވަލުގައި އެއިން ކޮންމެ އަތޮޅެއްގެ މީހުންނަށް ހާއްސަކޮށްގެން، ވަކިން ގޮނޑިތައް ޖަހާފައި ހުރި އިރު، ފަސްޓް ލޭޑީ ފާތުން އެ ބޭފުޅުންނާ ވަކިވަކިން، ބައްދަލު ކުރައްވައި ހާލު އޮޅުން ފިލުއްވެވި އެވެ.