06 ފެބުރުއަރީ 2023 - 21:08

ބޮލީވުޑްގެ ތަރި އަދި ރީތީގެ ރާނީގެ މަގާމް ހޯދާފައިވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބަޗަން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރަން ދ. ކުޑަހުވަދުއަށް ދިއުމުން އެ ދެމަފިރިން ދެކިލަން އެ ރަށުގެ ގިނަ ބަޔަކު ނުކުމެއްޖެ އެވެ.

އައިޝްވާރިޔާ އާއި އަބީޝެކް ރިސޯޓެއްގައި ޗުއްޓީ ހޭދަކުރީ ދަރިފުޅު އާރާދްޔާއާ އެކުގަ އެވެ. އެ އާއިލާ އެނބުރި އިންޑިއާއަށް މިއަދު ފުރީ ކުޑަހުވަދޫ އެއާޕޯޓުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯކުން ފެންނަނީ އައިޝްވާރިޔާ އާއި އަބީޝެކް ކުޑަހުވަދުއަށް ލޯންޗަކުން ފައިބާ މަންޒަރު ބަލާލަން ކުޑަހުވަދޫގެ ކުދި ބޮޑު ގިނަ ބަޔަކު އެއްވެފައި ތިބި މަންޒަރެވެ.
އަބީޝެކް އޭނާގެ ދަރިފުޅާއި އައިޝްވާރިޔާގެ އަތުގައި ހިފައި، ކުޑަހުވަދޫ ބަނދަރަށް ބޭލުމަށް ފަހު އެ ރަށުން ވޭނަކަށް އަރާ ތަން އެ ވިޑިއޯގައި ފެނެ އެވެ. އޭރު އެ މީހުން ބަލާލަން ބަނދަރަށް ގޮސް ތިބި ގިނަ ބަޔަކު ދިޔައީ ފޯނުން ފޮޓޯ ނަގައި ވީޑީއޯކުރަމުންނެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ އައިޝްވާރިޔާ އާއި އަބީޝޭކް އެ ރަށަށް ދިޔައީ ކުޑަހުވަދޫ އެއާޕޯޓު ފުރަން ކަމަށެވެ. އެ ރަށުގައި އެ މީހުން ތިބި ވަގުތުކޮޅުގައި އެ ރަށުތެރެއަށް ނުނިކުންނަ ކަމަށާއި އެއްވެސް މީހަކާ ބައްދަލުކޮށް ނަހަދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ހިންދުސްތާން ޓައިމްސް އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މީހުން ރާއްޖެ އައީ އަބީޝެކްގެ 47 ވަނަ އުފަންދުވަސް ފާހަގަކުރާށެވެ. އެ މީހުން މިހާރު ތިބީ މުމްބާއީގައި ކަމަށް ވެސް އެ ނޫހުން ލިއެފައިވެ އެވެ.
ބޮލީވުޑް ތަރިން ޗުއްޓީ ހޭދަކުރުމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެފައި އޮތް އިރު އައިޝްވާރިޔާ އާއި އަބީޝެކް ވަރަށް ގިނައިން ރާއްޖެ އާދެ އެވެ.