08 ފެބުރުއަރީ 2023 - 06:41

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދްހާތް މަލްހޯތުރާ އާއި ކިއާރާ އަދްވާނީ އިއްޔެ ކައިވެނިކޮށްފި އެވެ.
"ޑީއެންއޭ އިންޑިއާ" އިން ރިޕޯޓު ކުރި ގޮތުގައި، އެ ދެ މީހުން ކައިވެނިކުރީ، އިންޑިއާގެ ޖައިސަލްމާރުގައި ހުންނަ ސުރީގަރް ޕެލަސްގައި ބޭއްވި ކައިވެނީގެ ސަގާފީ ހަފްލާއެއްގަ އެވެ.
ކުލަގަދަކޮށް ފާހަގަކުރި ހަފްލާގެ ހަރަކާތްތައް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަނީ ކުރިއަށެވެ.
ކައިވެނިކުރުމަށް ފަހު ސިދްހަތާއި ކިއާރާ ވެސް ވަނީ އެ ހަފްލާގެ ތެރެއިން ނަގާފައިވާ، އެ ދެމީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. އެ ދެ މީހުންގެ ސޯޝަލް މީޑިއާގައި، ކައިވެނީގެ ފޮޓާއަކާ އެކު ކޮށްފައިވާ ޕޯސްޓުތަކުގެ ކެޕްޝަންގައި "އަހަރެމެންގެ ދާއިމީ ބުކިން" ކަމަށް ބުނެފައި އޮތެވެ.
ސިދްހާތާއި، ކިއާރާ ވަނީ 2021 ވަނަ އަހަރު ނިކުތް "ޝާރްޝާހް" ފިލްމުގެ ލީޑު ރޯލު ކުޅެފަ އެވެ. ކިއާރާ އެންމެ ފަހުން ފެނުނީ "ގޮވިންދަ ނާމް މެރާ" ކިޔާ ފިލްމަކުންނެވެ. އަދި ސިދްހާތުގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސްގައި ޕްރިމިއާ ކުރި "މިޝަން މަޖްނޫ" އެވެ.