ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެމެރިކާ މީހަކު އިމިގްރޭޝަނާ ހަވާލުކޮށްފި
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެމެރިކާ މީހަކު އިމިގްރޭޝަނާ ހަވާލުކޮށްފި

އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ހުޅުމާލޭގައި އުޅެމުން ދިޔަ އެމެރިކާ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ގިނަ އަހަރުތަކެއް ވަންދެން ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަން އުޅުނު ޖޯން ސޭފޯޓް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތަނުން ހިންގި އޮޕަރޭޝަނެއްގައި 10 މީހަކު ބަލައި ފާސްކޮށް، ހަތަރު މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ ހަތަރު މީހުންނަކީ އޭނާ ވިދާޅުވި ގޮތުގައި ވިސާ ނެތި ރާއްޖޭގައި އުޅެމުން ދިޔަ ބައެކެވެ.

ނަމަވެސް އެ މީހުން ޑީޕޯޓު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންގެ ތެރޭގައި އެމެރިކާ މީހަކު ހިމެނޭ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މާލެ އާއި ހުޅުމާލޭގައި ފުލުހުންގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއް އެއީ، ޗެކް ކުރި ކުރުމުން ހަތަރު މީހަކު ގަވާއިދާ ހިލާފަށް އުޅެމުން ދިޔައީ،" އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރޭ ހުޅުމާލޭން ހައްޔަރު ކުރި ޖޯންއަކީ ހުޅުމާލޭގައި ގެސްޓްހައުސްއެއް ހިންގާ މީހެކެވެ. އޭނާ އެ ރަށުގައި ދިރިއުޅެމުންދާތާ ގިނަ އަހަރުތަކެއް ވިއިރު، އެ ރަށުގައި ހިންގި ބައެއް ހަރަކާތްތަކުގައި އޭނާގެ އެހީތެރިކަން ލިބިފައިވެ އެވެ.