06 ފެބުރުއަރީ 2023 - 12:29

ކުރިން އިންޑޮނޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށް ދިން އީވާން ކޮލޭވް، ރާއްޖޭގެ މާޒިޔާގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ބަލްގޭރިއާ އަށް އުފަން އުމުރުން 65 އަހަރުގެ ކޮލޭވް ވަނީ އިންޑޮނޭޝިއާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން މިޔަންމާގެ ގައުމީ ޓީމަށް ވެސް ކޯޗު ކޮށްދީފަ އެވެ. އަދި އޭނާގެ އަމިއްލަ ގައުމު، ބަލްގޭރިއާގެ 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ. އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗު ވަނީ 2007 ގެ އޭޝިއަން ކަޕުގައި އިންޑޮނޭޝިއާގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ.
އޭނާ ވަނީ އިންޑޮނޭޝިއާ އާއި މިޔަންމާގެ ކްލަބްތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. ރާއްޖެ އަކީ އޭޝިއާގައި އޭނާ މަސައްކަތް ކުރާ ތިން ވަނަ ގައުމެވެ. މާޒިޔާއިން އޭނާ އާއެކު ސޮއި ކުރީ އަންނަ ސީޒަން ނިމެންދެންނެވެ.
މާޒިޔާގެ ކޯޗުގެ ގޮތުގައި އޭނާ ތައާރަފް ކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮލޭވް ބުނީ ގިނަ ވާހަކަތަކެއް ދެއްކުމަށް ވުރެ އޭނާ އިސްކަން ދެނީ ދަނޑު މަތީގައި ކުރަން ޖެހޭ މަސައްކަތަށް ސަމާލުކަން ދިނުމަށް ކަމަށެވެ.
އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ތިން މެޗުގައި އޭނާ ގަލޮޅު ދަނޑުގައި އިރުޝާދު ދީފައި ވާނެ ކަމަށް މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ބުންޏެވެ.
އޭނާ އަކީ މާޒިޔާގައި މަސައްކަތް ކުރާ ބިދޭސީ ހަތަރު ވަނަ ކޯޗެވެ. މިދިޔަ ދެ ސީޒަންގައި ވެސް އެ ކްލަބުން ބިދޭސީ ކޯޗުން ގެނައީ ދިވެހި ކޯޗުންނާއެކު ސީޒަން ފަށައި ފަހުން އެ ކޯޗުން ދޫކޮށްލުމަށް ފަހު އެވެ. މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށް ދިނީ ސާބިއާގެ މިއޮޑްރާގް ޖެސިޗް އެވެ. ކާރު އެކްސިޑެންޓެއްގައި އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު މަރުވެފަ އެވެ.
ޖެސިޗް މާޒިޔާގެ ކޯޗު ކަމަށް މިދިޔަ އަހަރު ހަމަޖެއްސީ އެ ޓީމުން ފުރަތަމަ ހަމަޖެއްސި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއެކު ޕްރެޒިޑެންޓްސް ކަޕް ނާކާމިޔާބު ވުމުން އޭނާ މަގާމުން ދުރު ކުރުމަށް ފަހު އެވެ. އޭގެ ކުރީގެ ސީޒަންގައި މާޒިޔާއިން ފެށީ މުހައްމަދު ނިޒާމް އާއެކު އެވެ. އެކަމަކު ދިވެހި ލީގުގެ ވަކި ހިސާބަކުން އޭނާ ދޫކޮށްލުމަށް ފަހު ސާބިއާގެ އެހެން ކޯޗެއް ކަމަށްވާ ރިސްޓޯ ވިޑަކޮވިޗް ކޯޗު ކަމަށް ހަމަޖެއްސި އެވެ.
މާޒިޔާ އަށް އެންމެ ފުރަތަމަ ކޯޗު ކޮށްދިން ބިދޭސީ ކޯޗަކީ އުތުރު މެސަޑޯނިއާގެ މަރްޔާން ސެކްލޮވްސްކީ އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން މާޒިޔާގައި މަސައްކަތް ކޮށްފަ އެވެ.