06 ފެބުރުއަރީ 2023 - 12:03

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް، އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލައި ނިންމާފައިވާ ކަމަށެވެ. އެ އަށް ފަހު، އެ މީހުންނަށް ދައުލަތުން ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ކޮންމެ މަހަކު ދެމުން އަންނަނީ 2،000ރ. ގެ އިނާޔަތެކެވެ. އެ އިނާޔަތް 5،000ރ. އަށް ބޮޑުކޮށް ދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ރައީސަށް ހުށަހެޅި ޕެޓިޝަންގައި މިދިޔަ އަހަރު އެދުނެވެ.
އެ ޕެޓިޝަނުގައި ބުނީ މިހާރު ދޭ އިނާޔަތަކީ ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ސިވިލް ސާވެންޓުންގެ މުސާރަ ވެސް މި އަހަރު ބޮޑުކުރާނެ އެވެ.
ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ޔުނިވަސިޓީގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ އަށް ހެޔޮ ބަދަލެއް އައިސް، އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.
މިނިސްޓްރީތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް ވެސް އަންނަ މެއި 1 އިން ފެށިގެން އެ އެލަވަންސް ދޭން ފަށަން ވަނީ ނިންމައިފަ އެވެ.