ކޭންގެ ރެކޯޑާއެކު ޓޮޓެންހަމްއިން ސިޓީން އުންމީދު ފަނޑުކޮށްލައިފި
ކޭންގެ ރެކޯޑާއެކު ޓޮޓެންހަމްއިން ސިޓީން އުންމީދު ފަނޑުކޮށްލައިފި

ލަންޑަން (ފެބްރުއަރީ 6) - މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 ން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެޓީމު ގެ ފޯވާޑް ހެރީ ކޭން ވައްދާލި ލަނޑާއެކު، އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެރީ ކޭން ހަދައިފި އެވެ.

ރޭގެ މެޗުން މޮޅުވެގެން، ދެވަނައިގައި އޮތް އާސެނަލް އާ ތިން ޕޮއިންޓަށް ސިޓީ އަށް ފަރަގު ކުޑަ ކުރެވުނީހެވެ. އެކަމު މެޗުން ބަލިވުމުން އެ ޓީމަށް ވަނީ ލީގު ހޯދުމުގެ އުންމިދު ފަނޑުވެފަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކޭން ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ލަނޑަކީ ޓޮޓެންހަމް އަށް އޭނާ ޖަހައި ދިން 267 ލަނޑެވެ. އިންގްލެންޑްގެ ކެޕްޓަން މިހާރު ވަނީ ޓޮޓެންހަމްގެ ލެޖެންޑް ޖިމީ ގްރީވްސްގެ ރެކޯޑް މުގުރާލައިފަ އެވެ.

ގްރީވްސްގެ ރެކޯޑާ ކޭން ހަމަހަމަ ކުރީ މިދިޔަ މަހު ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ގްރީވްސްގެ ރެކޯޑް މުގުރާލުމަށް ފަހު ކޭން ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ އެ ރެކޯޑް މުގުރާލުން ކަމަށެވެ.

""އަހަރެންގެ އުމުރުން 11 އަހަރުން ފެށިގެން މި ކްލަބްގައި މި ހޭދަ ކުރީ. މީ ވަރަށް ބުރަ މަސައްކަތާއި ގުރުބާނީއެއް. އަހަރެން ހަނދާންވަނީ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު، އަދި މިހާރު ޕްރިމިއާ ލީގުގައި 200 ލަނޑު ޖެހުމަކީ އުނދަގޫ ކަމެއް. ނަމަވެސް އުމުރުން ދުވަސްވެ ފަހަތަށް ބަލާއިރު މިކަން ވާނެ އަހަރެން ވަރަށް ފަޚުރުވެރިވާ ކަމަކަށް،" މެޗަށް ފަހު ކޭން ބުންޏެވެ.

"ޖިމީ [ގްރީވްސް] އަކީ އެންމެ މޮޅު އެއް ސްޓައިކަރު. އޭނާ އަށް ވުރެ ކުރިއަށް އެރުމަކީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން."