05 ފެބުރުއަރީ 2023 - 21:03

އައްޑޫގެ މޭޔަރު އަލީ ނިޒާރު 2016 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެންގެވި 1.2 މިލިއަން ރުފިޔާގެ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކަވާތީ ބޭންކުން އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް، އެ ދަރަނި އެއްކޮށް ދައްކައިފި އެވެ.
އެއްބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ނުދައްކާތީ، އަލީ ނިޒާރާއި އެ ލޯނަށް ގެރެންޓީ ދިން މީހާއާ ދެކޮޅަށް ބީއެމްއެލް އިން ދައުވާކުރީ ޑިސެމްބަރު 7، 2022 ގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، އަލީ ނިޒާރާއި އޭނާގެ ގެރެންޓާ މިހާރު އެ ފައިސާ ދައްކައި ހަލާސްކުރައްވާފައި ވާތީ، ބީއެމްއެލްއިން މި މަހު އެކެއްގައި ދައުވާ ފޯމު ބާތިލުކުރަން ހުށަހެޅުމުން އެގޮތަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އެ ހުކުމުގައި ބުނެފައިވާ ގޮތުގައި، އަލީ ނިޒާރުގެ އެދިވަޑައިގަތުމަށް އެހެން ފަރާތަކާ ބައިވެރިވެގެން އެ ލޯނު ނަންގަވާފައި ވަނީ ރަހުނެއް ބަހައްޓައިގެންނެވެ. ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ވަނީ ސ. ހިތަދޫ ކްރެސް ގާޑެން ރެސްޓޯރެންޓާއި އެ ތަނުގެ އެންމެހާ މުދަލާއި ސ. ހިތަދޫ ހިޔަލާގެ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތަކެވެ.
އަލީ ނިޒާރާ ދެކޮޅަށް ބީއެމްއެލް އިން އުފުލި ދައުވާގައި އެދިފައި އޮތީ، އެ ލޯނާ ގުޅިގެން ދައްކަން ޖެހި، ނުދައްކާ ހުރި ހުރިހާ ފައިސާ އާއި ސާވިސް ޗާޖާއި އިންޓަރެސްޓާއި ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ. ރަހުނުގެ އެއްބަސްވުމުގައި ހިމަނާފައި ހުރި ހުރިހާ އެއްޗެއް ރަހުނު ކުރެވިފައިވާކަން ކަނޑައަޅައި ދިނުމަށް ވެސް އެ ބޭންކުން ކޯޓުގައި އެދުނެވެ.
އަލީ ނިޒާރު ފޯނު ނުނަންގަވާތީ އެ ލޯނާ ގުޅިގެން އޭނާ ދައްކަން ޖެހުނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
އޭނާ 1.2 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ދެއްކެވިއިރު، މިިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ހުންނެވީ، އެ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ.