05 ފެބުރުއަރީ 2023 - 19:13

ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ވިއްކާއިރު، ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޭގޮތަށް އޮތުމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އިއުލާނުގައި ދިވެހިންނަށް ބިން މިލްކުރެވޭނެ ކަމަށް އޮތްއިރު، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށް ވާއިރު، ހާއްސަކޮށް ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދޭތީ ކަންބޮޑުވާ ކަމަަށެވެ.
• އަމިއްލަ ފަރުދެއް/ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން. (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)
• ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް/ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ.
• ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް/ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ.
• ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރ.
އެ ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށް ބިދޭސީންނާ ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ އެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެމްއެންޕީގެ ބަޔާނުގައި ބުންޏެވެ.
"ކޮވިޑްގެ ގެއްލުންތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ދިވެހި އިގުތިސާދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުންވާނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްއެންޕީން ބުނީ އެ ޕާޓީން ގަބޫލުކުރަނީ ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ގެ ސިޔާސަތުތަކަށް ވާން ޖެހޭނެ ކަމަށެވެ.
"އެހެން ކަމުން، ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރު މީހުންނަށް ބިން ވިއްކުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ދިވެހި ސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެ ޕާޓީން ބުންޏެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ވިއްކާނީ ތިލަފުށި "ޒޯން އޭ" ގައިވާ ބިންތަކެވެ. އެ ބިންތައް ދެނީ ތިލަފުށިން އެންމެފަހުން ހިއްކި ސަރަހައްދުންނެވެ. ނަމަވެސް ވިއްކަނީ ސީދާ ކިތައް ބިން ކަމެއް އެޗްޑީސީން ނުބުނެ އެވެ.