ޓްވިޓާ: ވިޔަފާރިތަކުގެ ވެރިފިކޭޝަން ދަމަހައްޓަން 1000 ޑޮލަރު ނަގަނީ؟
ޓްވިޓާ: ވިޔަފާރިތަކުގެ ވެރިފިކޭޝަން ދަމަހައްޓަން 1000 ޑޮލަރު ނަގަނީ؟

ޓްވިޓާގައި ވެރިފިކޭޝަނާއި ޗެކް މާކު ދަމަހައްޓަން ބޭނުންވާ ވިޔަފާރިތަކާއި ބްރޭންޑުތަކުން މަހަކަށް 1،000 އެމެރިކާ ޑޮލަރު ނަގަން ޓްވިޓާގެ ސީއީއޯ އީލޮން މަސްކު ބޭނުންވާ ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ކޮންސަލްޓަންޓު މެޓް ނަވާރާއާ ހަވާލާދީ ވެރައިޓީން ބުނެފައިވާ ގޮތުގައި، ނޫ ޗެކް މާކުގެ ބަދަލުގައި މިދިޔަ ޑިސެމްބަރު މަހު ތައާރަފްކުރި "ގޯލްޑް-ޗެކް މާކް ވެރިފިކޭޝަން ބެޖް" ދަމަހައްޓަން ބޭނުން ނަމަ، މަހަކު 1،000 ޑޮލަރުގެ އިތުރުން ގުޅިފައިވާ ކޮންމެ ސަބް އެކައުންޓަކުން އިތުރު 50 ޑޮލަރު ނަގަން ބައެއް ކުންފުނިތަކުގައި ޓްވިޓާއިން ވަނީ އެދިފަ އެވެ.

ޓެކް ސައިޓް، "ދަ އިންފޮމޭޝަން" އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

"މިހާރު ކުރިއަށް ދަނީ އޭގެ ފަހު މަރުހަލާ. އަގު އަދި ބަދަލުވުން އެކަށީގެންވޭ،" އެ ވެބްސައިޓުން ބުނެފައިވެ އެވެ.

ޓްވިޓާ "ގޯލްޑް ޗެކް މާކް" އަކީ އެ ކުންފުނީގެ ޓްވިޓާ ބްލޫ ހިދުމަތުގެ ދަށުން، ކުންފުނިތަކާއި އެތަންތަނާ ގުޅިފައިވާ ފަރާތްތަކަށް އެ ކުންފުންޏެއްގެ ޓްވިޓާ ހޭންޑަލް ވަކިކޮށް ދެނެގަތުމަށް ތައާރަފްކުރި އާ މާކެކެވެ.

އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ވެރިފިކޭޝަނަށް ފައިސާ ނަގަން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ވެރިފިކޭޝަނާއި ޗެކް މާކު ބޭނުން ކޮންމެ އެކައުންޓަކުން، މަހަކު އަށް ޑޮލަރު ދެއްކުމުން ވެރިފައިކުރެވެ އެވެ.

މަގާމާ ހަވާލުވުމަށް ފަހު ހަރަދު ކުޑަކުރުމަށްޓަކައި މަސްކު ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ ކުރި ޓްވީޓެއްގައި ބުނީ، ޓްވިޓާ ބްލޫ ގަނެފައިވާ ކޮންމެ ކްރިއޭޓާއަކަށް، އެ މީހަކު ކުރާ ޓްވީޓެއްގެ ރިޕްލައި ތްރެޑުން ފެންނަ އިޝްތިހާރުތަކުން ލިބޭ އާމްދަނީގެ އެއްބައި އެ މީހަކަށް ލިބޭނެ ކަމަށެވެ.