17 ޖެނުއަރީ 2017 - 19:00

އަލަށް އުފެއްދި ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ލަފާ ދިނުމަށް، ސޫދާންގެ ފިގުހު ކައުންސިލްގެ ވަފުދެއް މިއަދު ރާއްޖެ ވަޑަައިގެންފި އެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މި ވަފުދުގައި އެ ކައުންސިލްގެ ޗެއާމަން ޕްރޮފެސަރު އިސާމް އަހުމަދުލް ބަޝީރުގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލްގެ މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ވަފުދުގެ މަގްސަަދަކީ އިސްލާމީ ފަތުވާ ދޭ މަޖިލިސް ހަރުދަނާ ކުރުމުގައި އެ ކައުންސިލްގެ ތަޖުރިބާ އާއި މަޝްވަރާ ހިއްސާ ކުރުން ކަމަށެވެ. އަދި ޒަމާނީ ފިގުހީ މައްސަލަތަކާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު އެ ވަފުދުގެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ދަތުރު ނިންމަވާލެއްވުމަށް ފަހު އެ ބޭފުޅުން ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލައި، އުފެއްދި މަޖިލީހެކެވެ.
މި މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރާއި ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި، ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާފައިވާ މެމްބަރުންނެވެ.