"ވަގުތު"ގެ ނޫސްވެރިން ގަތުލުކުރަން ގޮވާލި މައްސަލަ ޕޮލިހަށް ހުށަހަޅައިފި
"ވަގުތު"ގެ ނޫސްވެރިން ގަތުލުކުރަން ގޮވާލި މައްސަލަ ޕޮލިހަށް ހުށަހަޅައިފި

"ވަގުތު"ގެ ނޫސްވެރިން ގަތުލުކުރަން ގޮވާލައި އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ރޭ ހުށަހަޅައިފި އެވެ.

އެ ނޫހުގެ ސީއީއޯ އާދަމް ނަވާޒު "މިހާރު" އަށް މިއަދު ވިދާޅުވީ އައްޑޫގައި ހަރުކަށި ފިކުރު އޮތް މިންވަރާ ގުޅޭގޮތުން ޑިސެމްބަރު، 2020 ގައި ހޭރިޔާ ޓީމުން ތައްޔާރުކުރި ލިޔުމަށް ފަހު އެ ނޫސްވެރިންނަށް ދޭތެރެ ދޭތެރެއިން އެކި އިންޒާރުތައް ދޭ ކަމަށެވެ.

އެ ހުރިހާ މައްސަލައެއް ވެސް ޕޮލިހަށް ހުށަހެޅި ކަމަށް ނަވާޒު ވިދާޅުވި އެވެ.

ރަށްރަށުގެ ޚަބަރާއި ރިޕޯޓުތައް ގެނެސްދިނުމަށް ގެންދާ "ހޭރިޔާ" ޓީމު މި ވަގުތު ވެސް ތިބީ ޅ. އަތޮޅުގަ އެވެ. އޭގެ ޚަބަރުގެ ސްކްރީންޝޮޓާ އެކު މުހައްމަދު ވިޝާލް ނަމަކަށް ކިޔާ މީހަކު ފަސް ދުވަސް ކުރިން ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނީ މީގެ ކުރިން އައްޑުއަށް ގޮސްފައި ވެސް އެ ގްރޫޕުން މުސްލިމުން ޖާސޫސްކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ނަމުގައި މި ސަރުކާރުން އެތައް މުސްލިމުންނެއް ހައްޔަރުކުރާ ކަމަށާއި އެއީ ހައްދު ފަހަނައެޅި ފިކުރުގެ ނަމުގައި ޝައިތާނާއަށް ވާގިވެރިވާ ބައެއް ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓަށް އަހުމަދު ހަބީބު ނަމަކަށް ކިޔާ މީހަކު ކުރި ކޮމެންޓުގައި ބުނީ މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހާގެ ހުކުމަކީ ގަތުލްކުރުން ކަމަށެވެ.

"އިންޝާﷲ. ކާފަރުން ކިތައްމެ ނުރުހުނަސް މި ހުޅުކޮޅު ނިވައެއް ނުލެވޭނެ. ﷲ އަކްބަރް." ކޮމެންޓުގައި ބުންޏެވެ.

ނަވާޒު ވިދާޅުވީ ނައިފަރުގައި ވެސް ހަރުކަށި ފިކުރު އޮންނަ ކަމަށް މީގެ ދެ ތިން ދުވަސް ކުރިން އަޑުއިވުނު ކަމަށެވެ. އެހެންވެ، އެ ޓީމު ނައިފަރަށް ގޮސް އުޅެނީ އެ ކަހަލަ ރިޕޯޓެއް ތައްޔާރުކުރަން ކަމަށް އެ މީހުން ޝައްކުކޮށްފާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނޫސްވެރިން ގަތުލުކުރަން ގޮވާލި މައްސަލައި ފިޔަވަޅު އަޅައިދިނުމަށް ޕޮލިހަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މީގެ ކުރިން އެ ނޫހުގެ ނޫސްވެރިންނަށް ސެކިއުރިޓީ ވެސް ފޯރުކޮށްދީފައިވެ އެވެ.