ވަޒަން
ވަޒަން

ބުދަ ދުވަހާ ގުޅޭ

އިޔާދު މަރުވި ސަބަބެއްކަމުގައި ރިޕޯޓުގައި އޮތީ ބޮލަށް ވަޒަނެއް އެރުމެވެ. ބޯ ޒަހަމުވެފައިވަނީ ތަނެއްގައި ޖެހިގެނެއް ނޫނެވެ. ވަޒަނުގެ ސަބަބުންނެވެ. އެއީ ކޮމާއެއްޖެހިފައި ތަހުގީގު ހުއްޓުނު ސަބަބެކެވެ. އެހައި އުހުން ފުންމާލައިގެން މަރުވަން އުޅޭ މީހަކު، އަމިއްލައަށް ބޮލަށް ބަޑިޖަހަނީ ކީއްކުރަން ހެއްޔެވެ؟ ބޮލަށް ބަޑިޖަހައިގެން މަރުވަންއުޅޭ މީހަކު، އެހައި އުސްތަނަކަށް އަރައިހުންނަންވީ ކީއްކުރަން ހެއްޔެވެ؟

ތަހުގީގަށް އިތުރު ކުރިއެރުމެއްލިބުނީ ފުލުހުންނަށް ލިބުނު ސީސީޓީވީ ކެމެރާގެ ވީޑިއޯއެއްގެ ސަބަބުންނެވެ. އެއީ އިޔާދު ހުރި ޓެރަސް ފެންނަ ދިމާއެއްގައި ހަރުކޮށްފައިހުރި، އަނދިރިފެންނަ ކެމެރާއެކެވެ. ކެމެރާ އަޅުވައިފައިހުރީ މަގަށެވެ. އެހެނަސް، ވަރަށް ކުޑަކޮށް ޓެރަސް ވެސް ފެންނަންހުއްޓެވެ. އިތުރު މީހަކު އިޔާދު ކައިރިއަކު ނެތެވެ. އެހެން މީހަކު އިޔާދު ކޮއްޕައެއް ވެސް ނުލައެވެ. އިޔާދު އަތުގައި ފިސްތޯލައެއް އޮތް ނަމަ، ބޮލާ ދިމާއަށް އިޔާދުގެ އަތް ހަރަކާތްކުރީހެވެ. އެހެނެއް ނުވެއެވެ. ކެމެރާއަށް ނުފެންނަހާ ފަހަތުގައި މީހަކު ހުރެގެން އިޔާދު ގަޔަށް ފިސްތޯލަޖެހި ނަމަ، ވަޒަން އަރާނީ އިޔާދުގެ ފުއްކިބަޔަށެވެ. ރިޕޯޓު ބުނާ ގޮތުން، ވަޒަން އަރާފައި ހުރީ ނިތްކުރިޔާ ދިމާއިންނެވެ. އަނެއްކޮޅުން އިޔާދު ހުރި ތަނުގެ އެއްވެސް ތަނެއްގައި ލޭގެ ނިޝާނެއް، އެއްވެސް ވަރަކަށް ނެތެވެ. ހަތިޔާރެއް ވެސް ނެތެވެ. ސީސީޓީވީ ކެމެރާއިން ފުލުހުންނަށް ލިބުނު އެންމެ ބޭނުންތެރި މައުލޫމާތަކީ، އިޔާދު ފުންމައިލި ވަގުތު އެނގުމެވެ. ޝައްކެއް ނެތް މިންވަރަށް އެ ކަން ކަށަވަރުކުރެވުނެވެ.

އުސޫލު އޮންނަ ގޮތުން، އަމިއްލައަށް މަރުވަން އުޅެގެން އެ ކަން ކާމިޔާބުވާ މީހާއާ މެދު ބެލޭނީ އަމިއްލައަށް މަރުވި މީހެއްކަމުގައެވެ. އެ ހާދިސާ ތެރޭގައި، އެހެން ސަބަބެއް މެދުވެރިވިޔަސްވެހެވެ. އެހެނަސް އިޔާދަކީ އުސް ތަނަކުން ފުންމާލި ތަނާ ދާގަނޑެއްގައި ހަރުލި މީހެކެވެ. އެ ހިސާބުން، އަމިއްލައަށް މަރުވާން އިޔާދު ރޭވިރޭވުން ނާކާމިޔާބުވީއެވެ. އިޔާދު މަރުވީ ބޮލަށް އެރި ވަޒަނަކުންނެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއީ އަމިއްލައަށް މަރުވުމެއް ނޫނެވެ. ކޮންމެވެސް އެހެން މީހަކު އިޔާދު މަރައިލީއެވެ. ކާކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟ ތިން ސުވާލުން އެއް ސުވާލެއްގެ ޖަވާބެއް ވެސް ނުލިބެއެވެ.

އިޔާދުގެ ފޯނުން ވަރަށް މުހިންމު މައުލޫމާތުތަކެއް ފުލުހުންނަށް ލިބުނެވެ. ކެނެޑާގައި އިޔާދުގެ ލޯބިވެރިޔަކު އުޅެއެވެ. ނަމަކީ ސޯފިޔާއެވެ. އޭނަ ކުއްލިޔަކަށް އިޔާދާ ރުޅިވެފައި އެހެން މީހަކާ އިނީއެވެ. އެ މައްސަލައިގައި އިޔާދު ވަރަށް ބޯހާސްވެގެން އުޅުނެވެ. އެތައް ދިވެހިންނަކަށް އިޔާދު ދަރައިއޮތެވެ. ވަޒީފާ ގެއްލިގެން އެތައް ރައްޓެހިންނަކާ އެ ވާހަކަ ވެސް ދައްކައިފައިހުއްޓެވެ. އިޔާދަށް ފަރީހާން ފައިސާ ނުދިންކަމެއް ފުލުހުންނަކަށް ނޭނގެއެވެ. ފަރީހާން އެ ކަން ސިއްރުކުރީއެވެ.

އިޔާދު އަމިއްލަށް މަރުވެދާނެ އެތައް ސަބަބެއް ފުލުހުންނަށް އެނގުނެވެ. އެހެނަސް އެހެން މީހަކު އިޔާދު މަރާލަންޖެހޭ ސަބަބެއް ނެތެވެ. އިޔާދު އުޅުނު އިމާރާތުގައި ދިރިއުޅޭ ވަރަށް ގިނަ މީހުންނާ ސުވާލުކުރެވުނެވެ. އިޔާދު ފުންމައިލި ވަގުތު، ބަޑިއެއް ނުވަތަ ފިސްތޯލައެއް ޖެހި އަޑުއިވުނުތޯ އެހުނެވެ. އެއްބަޔަކު ބުނީ އެ ފަދަ އަޑެއްނީވޭކަމަށެވެ. އަނެއް ބަޔަކު ބުނީ، ފަޓާހެއް ޖެހި އަޑު ކަހަލަ އަޑެއްއިވުނުކަމަށެވެ. ވަގުތެއް ނޭނގުނެވެ.

ފަރީހާން ދިރިއުޅޭ އިމާރާތުގައި، ޔޫޓިއުބު ޗެނަލެއް ހިންގާ ޒުވާނަކު އުޅެއެވެ. އޭނަ ބުނި ގޮތުގައި، ގަދަ އަޑެއް އިވިގެން އޭނަ ރެކޯޑުކުރި ޕުރޮގުރާމު މެދުކަނޑައިލަން ޖެހުނެވެ. ފުލުހުން އެ މަންޒަރުތައް ބެލިއެވެ. އަޑުއިވުމާ އެކު އެއީ ފިސްތޯލައެއްޖެހި އަޑުކަން ފުލުހުންނަށް ޔަގީންވިއެވެ. ފިސްތޯލައިގެ އަޑާ އެކުގައި، ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު ކަހަލަ އަޑެއް ވެސް އިވެއެވެ. މަންޒަރުތައް ރެކޯޑުކުރި ވަގުތުކަމަށް އޭނަ ބުނި ވަގުތާއި، އިޔާދުގެ ހާދިސާ ހިނގި ވަގުތާ ބަރާބަރަށް ދިމާވެއެވެ. އެ އެޕާޓުމަންޓަކީ ފަރީހާން ދިރިއުޅޭ އެޕާޓުމަންޓާ ޖެހިގެންހުރި އެޕާޓުމަންޓެވެ. ވީ އިރު، ފަރީހާން ނުވަތަ ފަރީހާންގެ ފިރިމީހާއަށް އެ އަޑު ނީވުނީ ކީއްވެގެން ހެއްޔެވެ؟ ފުލުހުންގެ ހިތުގައި ޝައްކުއުފެދުނެވެ.

ފުލުހުން ސުވާލުކުރަންވެގެން ފަރީހާން ދިރިއުޅޭ އެޕާޓުމަންޓަށް އައީ މެންދުރަކުއެވެ. ކުރިން އެންގުމަކާ ނުލައެވެ. އޭރު އޮލިވަރ ގެއަކު ނެތެވެ. ފަރީހާން ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޭރު ވެސް، އިޔާދު ވަކިވުމުގެ ހިތާމައިން ފަރީހާނަކަށް ސަލާމަތެއް ނުވެވެއެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން އައީ ވާހަކަދައްކައިލުމަށް ޓަކައެވެ.

"އާއިލާ ތެރޭގަ އެއްވެސް ހަމަނުޖެހުމެއްހިނގާ، މައްސަލައެއް ޖެހުން ކަހަލަ ކަމެއްވިތަ؟" ފުލުހުން އެހިއެވެ. "އަހަރުމެންނަށް މިހާރު އެބަ އެނގޭ، އެންމެ ފަހު ދުވަސްކޮޅު އިޔާދު އުޅުނީ ވަރަށް ބޯހާސްވެގެން. ވަޒީފާ ގެއްލުމާ، ލޯބިވެރިޔާ ގެއްލުމާ، ދަރަނީގެ މައްސަލަތައް ވެސް ވަރަށް ގޯސްވެފަ އޮތީ. ބައެއް މީހުން ބިރުދައްކާފަ ވެސް އޭނައަށް މެސުޖު ފޮނުވާފަ އެބަ ހުރި. އެ ވާހަކަތައް އޭނަ އެއްވެސް ވަރަަކަށް މަންމަ ގާތުގަ ނުދައްކާ އޮވެދާނެބާއޭ ހިތަށްއަރަނީ."

"ދެން މިހާރު ތި ވާހަކަތަކުގެ ބޭނުމެއް ނެތެއްނު!" ފަރީހާން ބުންޏެވެ. "އާނ އޭނަ ލާރި ބޭނުންވެގެން ދޭތެރެއަކުން އައިސް ބުނާނެ. ބުނާހާ ވަރެއް އަހަރެން ނުދެން. އެއީ ހަމަ އޭނައަށް ރަނގަޅަކަށް ކުރި ކަމެއް."

ފުލުހުންގެ އެކަކާ ފަރީހާން ވާހަކަދައްކަމުންދިޔަ އިރު، އަނެކަކު ހިނގަމުން ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. އިޔާދު ވެއްޓިފައި އޮތީ އެ ދިމާއިން ތިރީގައި އޮތް ދާގަނޑު މައްޗަށެވެ. އޭނައަށް އެ މަންޒަރު ފެންނަ ކަހަލައެވެ. ބޭރުބަލަން އިރުކޮޅަކު ހުރެފައި އެތެރެއަށް ހިނގައިގަތް ވަގުތު، ސުވާލު އުފެދޭ ކަހަލަ ކަމެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. ތަނަކީ މެދުފަންތީގެ އެޕާޓުމަންޓެކެވެ. ތަނުގެ ތަރުތީބު ރީތިވެފައި، އެތުރުން ހިތްގައިމެވެ. ކުޑަދޮރުގައި ޖަހައިފައިވާ މަޑު ނޫކުލައެއްގެ ބިއްލޫރީގައި ވެސް ރީތި، ފަނޑު ކުރެހުމެއް ހުއްޓެވެ. އެހެނަސް އެއް ކުޑަދޮރުގެ އެއް ފަޅީގައި ހުރީ ފިލާގަނޑެއް ޖަހައިފައެވެ. އެއީ ކިހިނެއް ހިނގިކަމެއް ހެއްޔެވެ؟ ބިއްލޫރިޖަހައިފައި ހުރި ކުޑަދޮރެއްގެ އެއްފަޅީގައި އެކަކު ވެސް ފިލައެއް ނުޖަހާނެއެވެ. ވަގުތީގޮތުން މެނުވީއެވެ.

"މި ދޮރަށް ކިހިނެއްވީ؟" އެ އޮފިސަރު އެހިއެވެ.

"ތަޅައިގެންދިޔައީ،" ފަރީހާން ބެލީ ކުރު ޖަވާބެއްދީގެން ސަލާމަތްވެވޭތޯއެވެ. "އަހަރެންގެ ފިރިމީހާ އައިމަ އަލުން އަންނަންވީނު. އަހަރެން ކުޑަކޮށް ބޮލުގަރިއްސާތީ ޖައްސާލަން މި ދަނީ."

ފަރީހާން ސޯފާއިން ތެދުވިއެވެ. ފުލުހުންގެ ދެ އޮފިސަރުން ވެސް ދާން ހިނގައިގަތެވެ.

"ބިއްލޫރިގަނޑު ތަޅައިގެންދިޔައީ ކިހިނެއް؟" އެކަކު އެހިއެވެ. "ކޮން އިރަކު؟"

ބުނާނެ އެއްޗެއް ނޭނގިފައި ފަރީހާން އިންދައި އޮލިވަރ ގެއަށް ވަނެވެ. އޮފިސަރުންނާ ސަލާންކޮށް ވާނުވާ އޮޅުންފިލުވިއެވެ.

"ތަހުގީގު ހިނގަމުންދާތީ ބައެއް ކަންކަން އޮޅުންފިލުވައިލަން އައީ،" އޮފިސަރުންގެ ތެރެއިން އެކަކު ބުންޏެވެ. "ކިހިނެއްވެގެން ބިއްލޫރިގަނޑު ތަޅައިގެންދިޔައީ؟"

އޮލިވަރ ވެސް ހުއްޓުންއެރިއެވެ. ދައްކަންޖެހެނީ ކުރިން ނުދައްކާ ވާހަކައެކެވެ. ދައްކަން ބޭނުން ވެސް ނުވާ ވާހަކައެކެވެ. ފަރީހާން ބޭނުންވީ އެ ވާހަކަ ކިޔައިދޭށެވެ.

"އަހަރެންގެ ފިރިމީހާ ކުރިން އުޅުނީ ސިފައިން ތެރޭގަ. އެނގޭނެ އެ ކަން،" ފަރީހާން ބުންޏެވެ. "ހަތިޔާރު އެއްކުރުމަކީ، އަހަރެން ގަބޫލު ނޫން ކަމަކަށް ވިޔަސް އޭނަގެ ހޮބީއެއް. ވަރަށް ބައިވަރު ހަތިޔާރު މި ގޭގަ ހުންނާނެ. ހުރިހައި ހަތިޔާރެއްގެ ލައިސަން އޮންނާނެ. ކޮންމެ ދެމަފިރިއެއް ދެމެދުގަ ވެސް މައްސަލަޖެހޭނެކަން ގަބޫލުކުރަމެއްނު. އަހަރުމެން ތެރޭގަ ވެސް ޖެހޭ. ދޭތެރެއަކުން މީނަ ނަގާނެ ހަތިޔާރު ވެސް. ވަޒަން ލައްވާފައެއް ނޫން ހުންނާނީ. އޭނައަށް ވެސް އަހަންނަށް ވެސް އެ ކަން އެނގޭ. އަހަންނަށް ހަތިޔާރު ދިމާކޮށްފަ އޭނަ ޖަހަން ވެސް ޖަހާނެ. އާންމުކޮށް ކުރާކަމެއް އެއީ. އެކަމަކު ތި ކަމެއް ދިމާވި ރޭ ޓަސްލާފަ ފިސްތޯލަޖެހުނީ. ނަސީބެއް އަހަންނާ އަމާޒުނުވިކަން. ދޮރަށް އެރީ."

"އެކަމަކު ތި ބުނީ ވަޒަނެއް ނުހުންނާނޭ." އޮފިސަރު ހަނދާންކޮށްދިނެވެ.

"ތީ ތާ މި ބުނާ ވާހަކައަކީ،" އޮލިވަރ ބުންޏެވެ. "އަހަންނެއް ވަޒަނެއް ނުލައްވަން. ހެއްކެއް ނުދެއްކުނަސް މި ބުނަނީ އަހަރެން ވަޒަނެއް ނުލައްވަމޭ! ފަރީ ހަތިޔާރަކާ ނުކުޅޭނެ. ކުޅޭކަށް ނުވެސް އެނގޭނެ."

"އިޔާދަށް އެނގޭނެތަ ކުޅެން؟" އޮފިސަރު އެހިއެވެ.

އިޔާދަކީ ސިފައިން ތެރޭގައި އުޅުނު މީހެކެވެ. ހަތިޔާރު ގެންގުޅުމުގެ ތަމުރީނުހަދާފައިވާ މީހެކެވެ. އެހެނަސް، ދުވަހަކު ވެސް އޮލިވަރ ގެންގުޅޭ ހަތިޔާރަކާ އިޔާދެއް ނުކުޅެއެވެ. ކުޅޭ ތަން ފެނިފައެއް ނެތެވެ.

"ތީ ހާދަ ހެއްވާ ސުވާލެކޭ!" ފަރީހާން ބުންޏެވެ. "އޭނަ ކީއްކުރަން ފިސްތޯލައަށް ވަޒަން ލައްވަނީ؟ އޮލިވަރ ބުންޏަސް އިޔާދު އެއަކު އަތެއްނުލާނެ. ބުނާނެ ދެނެއް ހަތިޔާރަކާ ނުކުޅޭނަމޭ! ބަލަމާ ހިނގާ އޭނަ ވަޒަން ލެއްވިޔޯ! އެހެންވިއްޔާ އޭނަ ބޭނުންކުރަންތާ ވަޒަން ލައްވާނީ. ކީއްވެ ބާއްވާފަ އޮތީ؟"

އެ ސުވާލުގެ ޖަވާބު އޮފިސަރަށް އެނގެއެވެ. އެހެނަސް، ޖަވާބެއް ނުދެއެވެ. އިތުރު ހެކި ބޭނުންވާތީއެވެ.

"އެ ހަތިޔާރު ލިބިދާނެތަ؟" އޮފިސަރު އެހިއެވެ. "އަހަރެން ބޭނުން ގެންދަން. ކޯޓު އޯޑަރެއް ނެތް. މަޖުބޫރެއް ނުކުރާނަން. ނުދިނަސް މި ވަގުތު ކުރެވޭނެކަމެއް ވެސް ނެތް."

"ނޫންނޫން!" ފިސްތޯލަ ނަގައިފައި ދެމުން އޮލިވަރ ބުންޏެވެ. "ގެންދޭ! އަހަރެން ކޮން ބިރެއްގަންނާކަށް؟ ލައިސަން އޮންނާނެ. އެކަމަކު އެހެން މީހެއްގެ އިނގިލީގެ ނިޝާނެއް ތިޔަކު ނުހުންނާނެ. ޔަގީން ކަށަވަރު."

އޮފިސަރު ޖީބުން އަންގިއެއް ނަގައި އަތަށް ލައްވާލައިފައި ފިސްތޯލައިގައި ހިފިއެވެ. ޝުކުރުއަދާކޮށްފައި އެ ގެއިން ނުކުތެވެ. ހަގީގަތުގައި، އިޔާދު އޭގައި އަތްނުލާނެކަމެއް އޮލިވަރއަކަށް ޔަގީނެއް ނޫނެވެ. ފަރީހާނަކަށް ވެސް ޔަގީނެއް ނޫނެވެ. އިޔާދާ ބެހޭ ގޮތުން ކުރިން ނޭނގޭ އެތައް ކަމެއް ފަރީހާނަށް އެނގިއްޖެއެވެ. އިޔާދަކީ، ފަރީހާން ކުރިން ހީކުރި ކަހަލަ ކުއްޖެއް ނޫނެވެ.

"އަހަރެން ހިއެއްނުކުރަން ކެނެޑާ ފުލުހުން އެހާ ގަމާރުވާނެކަމަކަށް،" ފަރީހާން ބުންޏެވެ. "އިޔާދު އެ ފިސްތޯލަ ބޭނުންކުރި ނަމަ މި ތާ ކީއްވެ ފިސްތޯލަ އޮންނަންވީ؟"

ފިސްތޯލަ ގެންގޮސް ފުލުހުން ފުރަތަމަ ވެސް ބެލީ، ކިތައް މީހުން ފިސްތޯލައިގައި އަތްލާފައިވޭތޯއެވެ. އޮލިވަރގެ އިނގިލީގެ ނިޝާން ފެނުނެވެ. ދެން ފެނުނީ، ފުލުހުން ހީ ވެސް ނުކުރާ މީހެއްގެ ނިޝާނެވެ.

ނުނިމޭ