05 ފެބުރުއަރީ 2023 - 06:37

މިހާރު މަގްބޫލުކަން ހޯދަމުން އަންނަ އާޓިފިޝިލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޗެޓް ބޮޓް، "ޗެޓްޖީޕީޓީ" ލޯންޗުކުރިތާ ދެ މަސްތެރޭ 100 މިލިއަން މީހުން އެ ބޭނުންކުރަން ފަށާފައިވާ ކަމަށް އެނަލިސްޓުން ބުނެފި އެވެ.
"ސިމިލަވެބް" ޑާޓާ ފާމްގެ އެނަލިސްޓުންނާ ހަވާލާދީ "ދަ ގާޑިއަން" ގައި ލިޔެފައިވާ ގޮތުން، މިދިޔަ ޖެނުއަރީ މަހު ޗެޓްޖީޕީޓީ އަށް ވަކިވަކި 100 މިލިއަން ޔޫސާގެ ފަރާތުން 590 މިލިއަން ފަހަރު ވަނީ ބޭނުންކޮށްފަ އެވެ. އެއީ ކޮންސިއުމާ އެޕަކާ އަޅާބަލާއިރު ހީވެސް ނުކުރާހާ ބޮޑު ކުރިއެރުމެއް ކަމަށް "ޔޫބީއެސް" އިންވެސްޓްމެންޓް ބޭންކުގެ އެނަލިސްޓުން ބުނެފައިވެ އެވެ.
"މީގެ 20 އަހަރު ކުރިން ނެރުނު 'އިންޓަނެޓް ސްޕޭސް' އަށް ފަހު، ކޮންސިއުމާ އެޕަކުން މިއަށް ވުރެ އަވަހަށް ކުރިއަރާ ދިޔަ އެޕެއް ނުދެކެން،" ޔޫބީއެސް އެނަލިސްޓުންގެ ނޯޓަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އެހެން އެޕުތަކާ އަޅާކިޔާ ނަމަ، މިހާރު އެންމެ މަގްބޫލު އެއް އެޕްލިކޭޝަން، ޓިކްޓޮކްގެ ގްލޯބަލް ލޯންޗަށް ފަހު 100 މިލިއަން ޔޫސާއިން ހަމަވާން ނުވަ މަސް ދުވަސް ހޭދަވި އެވެ. އަދި އިންސްޓަގްރާމު އެ އަދަދު ހަމަވީ ދެ އަހަރު ފަހުންނެވެ.
ޗެޓްޖީޕީޓީ އިން ފޮނުވާ މެސެޖް ޕްރޮމްޕްޓްތަކަށް ރައްދުދީގެން، އާޓިކަލް، އެސޭ، ޖޯކު، ޅެން އަދި ވަޒީފާގެ އެޕްލިކޭޝަންތައް ފަދަ ތަކެތި އޭއައި ބޭނުންކޮށްގެން ލިޔެދެ އެވެ. މައިކްރޮސޮފްޓްގެ ފަންޑާއެކު އަމިއްލަ ކުންފުންޏެއް ކަމަށްވާ "އޯޕަންއޭއައި" އިން ވަނީ މިދިޔަ ނުވެމްބަރު މަހުގެ ފަހު ކޮޅު، އާންމުންނަށް ޗެޓްޖީޕީޓީ ހިލޭ ބޭނުންކުރެވޭ ގޮތް ހަދާފަ އެވެ.