04 ފެބުރުއަރީ 2023 - 15:30

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ލަންކާ އާއި ރާއްޖޭގެ ސަރުކާރުގެ ގުޅުން ހަރުދަނާވާނެ ކަމަށެވެ.
ލަންކާގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. އެ ރަސްމިއްޔާތުގައި ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.
ޝާހިދު ލަންކާ އަށް މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރަކީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
އެ ދަތުރުގައި ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ދެ ގައުމާ ގުޅޭ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވެ އެވެ.
ޝާހިދު ވަނީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރަށް ޒިޔާރާތް ކުރައްވައި އެތަނުގައި ހުރި ފެސިލިޓީތައް ބައްލަވާލައްވައިފަ އެވެ. އަދި އެތަނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ވެސް މަޝްވަރާކުރައްވާފައިވެ އެވެ.