04 ފެބުރުއަރީ 2023 - 12:19

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފި އެވެ.
"އާ މިސްރާބަކަށް" ސްލޯގަންއާ އެކު ސަލްޓަން ޕާކުގައި ކެމްޕެއިން ފައްޓަވަމުން އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނާނެ ބަދަލުތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ކުރިން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އުމަރު ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތެރޭގައި ހަތަރު ފަހަރު ވެރިކަން ބަދަލުވިއިރު ހަތަރު ޕާޓީއަކުން ފަސް ބޭފުޅަކު ވެރިކަން ކުރެއްވި ނަމަވެސް ރާއްޖޭގައި އޮތް ބޮޑެތި އެއްވެސް މައްސަލައެއް ހައްލުނުވާ ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ޑްރަގް އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު ކަސްޓަމްސް އިން އަތުލައިގަންނަ ޑްރަގް ކަސްޓަމްސްގެ ތެރެއަށް "ގެއްލޭ" މައްސަލަ ވެސް ބޮޑުވަމުންދާ ކަމަށެވެ. އުމަރު ވަނީ ގަވާއިދާ ހިލާފަށް ރާއްޖެ އަށް އެތެރެވާ ބިދޭސީން ރާއްޖޭގައި ވިޔަފާރިތައް ފަށައިގެން އުޅޭއިރު ރާއްޖެ ނޫން އެހެން ގައުމެއްގައި މި ގޮތަކަށް އުޅުމުގެ ފުރުސަތު ނޯންނަ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމީ އަގީދާ ބަލިކަށިވެ، ރަސޫލާ އަށް ފުރައްސާރަކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެކި ނަން ނަމުގައި ގިނަ އަދަދަކަށް ނާސިގެ މާލޭގައި ހިންގަމުން އަންނަ ކަމަށް ވިދާޅުވެ އުމަރު ވަނީ ސޯޝަލް މީޑިއާގައި އެ މީހުން ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރުތައް ކުރަމުން އަންނައިރު އެކަން ފުލުހުން ނުހުއްޓުވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ރިޔާސީ ދައުރު ނިމި ފަސް ރައީސުން ބަދަލުވެ ދިޔައިރު ވެސް އެއިން އެއްވެސް މައްސަލައެއް ހައްލުނުކުރެވުނު ކަމަށާއި އެ ބޭފުޅުންގެ އަމިއްލަ ކޯޅުމުގެ ތެރެއިން ބޮޑެތި މައްސަލަތައް އޮތީ ދޫކޮށްލެވިފައި ކަމަށް އުމަރު ވިދާޅުވި އެވެ.
"ރާއްޖެ މިދަނީ މިނިވަންކަން ގެއްލި އަމިއްލަވަންތަކަން ގެއްލި، އަހުލާގު ގެއްލި މިސްރާބު ގެއްލިގެން. އިތުރު 10 އަހަރު މަޑުކޮށްފިއްޔާ ދިވެހިރާއްޖެ ވާނީ ފެއިލްޑް ސްޓޭޓަކަށް،" އުމަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ވޯޓު ލައިގެން އަދިވެސް ޖެހޭނީ ހަމަ އެއްތާކު ކަމަށާއި ތިޖޫރި ހުސްވެ، އަހުލާގު ވެސް ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ހެނދުނު 6:30 ގައި މަސައްކަތަށް ނިކުމެވޭނެ މުރާލި ވެރިއެއް ކަމަށާއި ކަނާއަތުން ވާއަތް ކަނޑާލަން ޖެހުނަސް އެކަން ކުރަން ކެރޭނެ ޖެހިލުންކުޑަވެރިއެއް ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާގެ މިސްރާބަކީ 2045 އަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައި އޮތް ގައުމަކަށް ބަދަލުކުރުން ކަމަށެވެ. އެހެންވެ، އޭނާގެ 10 އަހަރުގެ ތެރޭގައި މަސައްކަތްކުރާނީ ރާއްޖެއަށް ދިމާވެފައި އޮތް ބޮޑެތި އިގްތިސޯދީ އިޖުތިމާއީ މައްސަލަތައް ހަމަޖައްސައިދިނުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެކަމަކު އޭނާގެ ވެރިކަމެއްގައި ކޮރަޕްޝަން ނައްތާލައި އިސްލާމީ ޝަރީއަތުގައި ވައްކަންކުރާ މީހުންނަށް އޮންނަ ހުކުމް، ދައުލަތުން ވައްކަން ކުރާ މީހުންގެ މައްޗަށް ގާއިމުކުރާނެ ކަމަށެވެ.
"މި ގައުމަކީ ވަކި އާއިލާއަކަށް ނިސްބަތްވީތީ ތަންފީޒު ނުކުރެވޭނެ ބަޔަކަށް ނުވާނެ. އަޅުގަނޑާ އެކު މިސްރާބު ޖަހާނީ ރާއްޖެއަކީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންތަކެއް އުޅޭ ގައުމަކަށް."
އުމަރު ވަނީ އޭނާ ވެރިކަމެއްގައި ރާއްޖެއިން ރޯ މަސް ބޭރުކުރުން ހުއްޓާލާނެ ކަމަށާއި މަސް ބޭރުކުރާނީ ރާއްޖޭގައި ބަންދުކޮށް، އޭގެ ވެލިއު އެޑްކޮށްގެން ކަމަށެވެ. އޭރުން މަސްވެރިޔާ އަށް އޭގެ ފުރިހަމަ އަގު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މީހުން މަރާ މީހުންނާއި ރޭޕްކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮތް ހުކުމް ގާއިމުކުރާނެ ކަމަށެވެ. އަދި އޭނާ ވާނީ އިސްލާމީ ލީޑަރަކަށް ކަމަށާއި އެންމެންނާ މެދު އަމަލުކުރާނީ ހަމަހަމަ އުސޫލެއް ކަމަށް ވިދާޅުވި އެވެ.
ވެރިކަން ކޮށްފައި ދާނީ "ސުވަރުގެއަށް ދެވޭ ވަރަށް" އެކަންކޮށްފައި ކަމަށް ވިދާޅުވި އެވެ.