04 ފެބުރުއަރީ 2023 - 12:31

މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް 172،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައީ 130،000 ޓޫރިސްޓުންނެވެ. އެހެންވެ، ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 40،000 އަށް އިތުރުވެފަ އެވެ. މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަށް 5،500 ޓޫރިސްޓުން އައެވެ.
ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ އިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 24،000 ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 19،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެ އަށް ކޮވިޑްގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މި މަހުގެ 18 އިން ފެށިގެން ޓޫރިސްޓުން ވަނީ އަންނަން ފަށައިފަ އެވެ. އެ ގައުމު ވަނީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓަށް ވެސް އަރައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ޗައިނާ މާކެޓު ހުޅުވިއްޖެ ނަމަ، އަންދާޒާ ކުރާ ވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން އަންނާނެ އެވެ. މި އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ