ދަރުމަ އަށް ކުދިން ބެލޭ އުމުރު މަތިކޮށްފި
ދަރުމަ އަށް ކުދިން ބެލޭ އުމުރު މަތިކޮށްފި

ދަރުމަ އަށް ކުދިން ބެލޭ އުމުރު މަތިކޮށް، ކުދިން ބެލެހެއްޓޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން މިހާރު ހޯދޭނެ އުމުރަކީ 65 އެވެ. ކުރީގެ އުސޫލުގައި ބުނެފައިވާ ގޮތުގައި ދަރުމަ އަށް ކުދިން ބެލެހެއްޓޭނީ 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކުއްޖާ ބެލެހެއްޓުން ދައުލަތަށް ވަގުތީ ގޮތުން ހަވާލުވުމަށް ފަހު ދާއިމީ ބެލެނިވެރިކަން ހޯދުމަށް ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތުން ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭނެ އެވެ. ކުރިން ހަމަޖައްސާފައިވަނީ، ތިން ހަފުތާގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅުމަށެވެ. މީގެ އިތުރުން ކުއްޖާ ބަލަހައްޓަން ހުށަހަޅާ ދެމަފިރިން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މީހުންނަކީ ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓިއެއްގައި ދިރިއުޅޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުގައި ކުދިން ބަލަހައްޓާ ދެމަފިރިންގެ ތެރެއިން އެކަކަކީ ރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާންޖެހެ އެވެ.

ވަގުތީ ގޮތުން ކުދިން ބަލަހައްޓަން ހަވާލުކުރެވޭނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި އެކަމަކު މުއްދަތު އިތުރުކުރަން ޖެންޑާ މިނިސްޓްރީ އަށް ފެނިއްޖެ ހާލަތެއްގައި ވެސް އެންމެ ގިނައިން އިތުުރުކުރެވޭނީ ފަސް މަސް ދުވަސް ކަމަށް ކުރީގެ އުސޫލުގައި ބުނެފައި ވެ އެވެ. އިސްލާހުކޮށްފައިވާ އުސޫލުގައި ބުނަނީ ވަގުތީ ގޮތުން ކުދިން ހަވާލުކުރެވޭނެ މުއްދަތެއް ކަނޑައަޅާނީ، އެ ކުއްޖާ ބަލަަން ހަވާލުވާ މީހާގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު، މިނިސްޓްރީގެ ފޮސްޓަރިން ޕެނަލް އިންނެވެ.

ދަރުމަ އަށް ބަލާ ކުއްޖާއަކީ ބޭރުގައި ދިރިއުޅޭ ކުއްޖެއް ނަމަ، އެ ކުއްޖާގެ ހާލަތު މޮނިޓާ ކުރަން ޖެންޑާ މިނިސްޓްރީގެ ޓީމު އެ ގައުމަކަށް ދާން ޖެހިއްޖެނަމަ އެކަމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ކުއްޖާގެ ބެލެނިވެރިއާ ކަމަށް ވެސް މިނިސްޓްރީން އާއްމުކުރި އުސޫލުގައި ބުނެފައި ވެ އެވެ.