04 ފެބުރުއަރީ 2023 - 10:28

ފުޓްބޯޅަ ސީޒަން ފަށާނެ ދުވަހެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް މާޒިޔާއިން އެ ޓީމުގެ ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރަން ފަށައިފި އެވެ.

ކޮންޓްރެކްޓް އާ ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިޑްފީލްޑަރުން ކަމަށްވާ، ހަސަން ޝިފާޒު (ޑުންގާ)، ހުސައިން ނިހާން (ނިހާޓް)، އިބްރާހިމް އައިސަމް (ޓޯނީ)، މުހައްމަދު އިރުފާން (އިރޭ) ޑިފެންޑަރު ސަމޫހް އަލީ އަދި ދެ ގޯލް ކީޕަރުން ކަމަށްވާ ހުސައިން ޝަރީފް އާއި އަބްދުﷲ އިޔާން އެވެ.
ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލާފަ އެވެ. އެގޮތުން އިބްރާހިމް މަހްދީ ހުސައިން އާއި އިބްރާހިމް ވަހީދު ހަސަން، އަހުމަދު އަބްދުﷲ (ލިލީ) ވަނީ ޓީމު ދޫކޮށްލައިފަ އެވެ.
ކޮންޓްރެކްޓް އާ ކުރި ކުޅުންތެރިންގެ ތެރެއިން އެންމެ ހާއްސަ ކުޅުންތެރިންނަކީ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އާއި ހުސައިން ޝިފާޒެވެ. މާޒިޔާއިން ކެރިއާ ފެށި މިޑްފީލްޑަރު މާޒިޔާ އާއެކު ކުރިމަތި ލަނީ އޭނާގެ 12 ވަނަ އަހަރަށެވެ. ސީނިއާ ލެވަލްގައި 2014 ގައި ފުޓްބޯޅަ ކުޅެން ފެށި ގޮތަށް އިރޭ ހޭދަ ކުރަނީ މާޒިޔާގަ އެވެ.
އިތުރު އާ ކުޅުންތެރިންތަކެއް ވެސް މާޒިޔާ އަށް މި އަހަރު ސޮއި ކުރާނެ އެވެ. އެގޮތުން ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު، މުހައްމަދު ފައިސަލް އާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހަސަން ނަޒީމް (ޗޯޓް) ގެ އިތުރުން ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އާއި ހުސައިން ޝިފާއު ޔޫސުފް (ކްރޯ) މާޒިޔާ އަށް ސޮއި ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރު އޭއެފްސީ ކަޕްގައި ރާއްޖެއިން ސީދާ ޖާގަ ލިބެނީ މާޒިޔާ އަށެވެ. ކުޅުންތެރިންނާއެކު އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް މާޒިޔާ އަށް ކޯޗެއް ހަމަނުޖައްސަ އެވެ. މިދިޔަ ދެ ސީޒަންގައ އެ ޓީމުން ފެށި ދިވެހި ކޯޗުންނާއެކު އެވެ އެކަމަކު ސީޒަންގެ ވަކި ހިސާބަކުން ދިވެހި ކޯޗުން ދޫކޮށްލުމަށް ފަހު ބިދޭސީ ކޯޗަކު ގެނެ އެވެ. މިދިޔަ ސިޒަން އެ ޓީމުން ފެށީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއެކު އެވެ. އެކަމަކު ޕްރެޒިޑެންޓް ކަޕްގައި ކުރިމަތިވި ނާކާމިޔާބާ އެކު އޭނާ ކޯޗު ކަމުން ވަކިކޮށް ސާބިއާގެ މިލްޑްރާގް ޖެސިޗް މާޒިޔާއިން ކޯޗިު ކަމަށް ހަމަޖެއްސި އެވެ.
އޭގެ ކުރީގެ ސީޒަންގައި އެ ޓީމުން ފެށީ މުހައްމަދު ނިޒާމް އާއެކު އެވެ. ދިވެހި ލީގުގެ ވަކި ހިސާބަކުން އޭނާ އަމިއްލަ އަށް މަގާމުން އަތް ދޫކޮށްލި އެވެ. އޭގެ ފަހުން ކޯޗު ކަމަށް ހަމަޖެއްސީ ސާބިއާގެ ރިސްޓޯީ ވިޑަކޮވިޗް އެވެ.