04 ފެބުރުއަރީ 2023 - 07:15

ނެޓްފްލިކްސްގައި ގަދަޔަށް ހިނގި "އައުޓާ ބޭންކްސް" ގެ ތިން ވަނަ ސީޒަން މި މަހު 23 ގައި ރިލީޒްކުރަން ހަމަޖެހިފާ ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ނެޓްފްލިކްސް އިން އެ ސީޒަންގެ ޓްރެއިލާ ވަނީ ދައްކާލައިފަ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ "އައުޓަ ބޭންކްސް" މައިގަނޑު ފެންނާނީ "އެއް ރަށެއްގައި، ދެ ގަބީލާ" ގޮތަށެވެ. އެ ސީރީޒްގައި ކިޔައިދޭނީ މުއްސަނދި އަދި އެލީޓް "ކޫކްސް" މީހުންނާއި، ވޯކިން ކްލާސް ނުވަތަ އާދައިގެ "ޕޯގްސް" މީހުންގެ ވާހަކަ އެވެ.
އެ ސީރީޒްގެ ދެވަނަ ސީޒަން ނިމުނީ ފޭނުން ވަރަށް ބޮޑަށް ހައިރާންކޮށްލާ ފަދަ މަންޒަރުތަކަކަށް ފަހު އެވެ. އެ ސީރީޒްގެ މެއިން އެއް ކެރެކްޓާ ޖޯން ބީގެ ގެއްލިގެން އުޅުނު ބައްޕަ ފަޅުރަށެއްގައި ސަލާމަތުން ހުރިކަން ބެލުންތެރިންނަށް އެނގެ އެވެ.
ދިހަ އެޕިސޯޑުގެ ތިން ވަނަ ސީޒަންގައި "އައުޓަ ބޭންކްސް" ގެ ލީޑުން ފެންނަ ކުދިންތައް، "ޕޯގްލޭންޑިއާނާ" ނަންދީފައިވާ އެ ފަޅުރަށުގައި ދިރިއުޅޭ މަންޒަރު ފެނެ އެވެ. އާދައިގެ ގޮތަކަށް ދިރިއުޅެމުން ދަނިކޮށް، ޕްލޮޓް ފުޅާވަނީ އެ ކުދިން އަނެއްކާ ވެސް ހަޒާނާއެއް ހޯދަން ފަށާ ހިސާބުންނާއި، ނުރައްކާތަކުން ރެކެން ދުވާ ހިސާބުންނެވެ.
"އައުޓާ ބޭންކްސް" ގެ ކާސްޓުންގެ ތެރޭގައި ސްޓޯކްސް، ޗާލްސް އެސްޓެން، ޑްރޫ ސްޓާކީ، މެޑެލީން ކްލައިން، މެޑިސަން ބެއިލީ، ޖޮނަތަން ޑޭވިސް، ރޫޑީ ޕެންކޯވް، ކާލާޝިއާ ގްރާންޓް އަދި ޗާލްސް ހާލްފޯޑް ހިމެނެ އެވެ.
އެ ޝޯގެ ފުރަތަމަ ސީޒަން، 2020 ވަނަ އަހަރު ނިކުތް އިރު، ތަރުހީބު ބޮޑު ފޭނުންތަކަކާއެކު ބޮޑު މަގުބޫލުކަމެއް ވަނީ ހޯދައިފަ އެވެ. އަދި ސީރީޒްގެ ދެވަނަ ސީޒަން ނިކުތީ 2021 ވަނަ އަހަރު އެވެ. އެއީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒެކެވެ.