04 ފެބުރުއަރީ 2023 - 07:15

އެމެރިކާގެ ނޫސްވެރިއަކު، ޝާހްރުކް ހާނަކީ "އިންޑިއާގެ ޓޮމް ކްރޫޒް" ކަމަށް ސިފަކޮށް ޓްވީޓްކުރުމުން މިއަދު ޓްވިޓާގައި ޝާހުގެ ފޭނުން ރުޅިގަދަވެއްޖެ އެވެ.

"ދަ ރެޕް" ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ސްކޮޓް މެންޑެލްސަން "އިންޑިއާގެ ޓޮމް ކްރޫޒް، ޝާހްރުކް ހާންގެ ބްލޮކްބަސްޓާ 'ޕަތާން' ފިލްމު، ބޮލީވުޑް ސަލާމަތްކޮށްދީފި" ސުރުހީއަށް އޭނާ ލިޔެފައި އޮތް އާޓިކަލްގެ ލިންކު ޝެއާކޮށް ކުރި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އެ ޓްވީޓަށް ރައްދުދީ ފޭނުން ވަނީ ގިނަ ޓްވީޓުތަކެއް ކޮށްފަ އެވެ.
"އެއީ ޓޮމް ކްރޫޒެއް ނޫން. އެއީ ޝަހްރުކް ހާން. 'ދަ ވަން އެންޑް އޮންލީ'" ރުޅިގަދަވެފައި ހުރި ފޭނަކު ބުންޏެވެ.
"އެސްއާރްކޭ (ޝާހްރުކް) އަކީ ރަސްގެފާނު، އެޓިޓިއުޑް، ސްޓައިލް، ކްރާފްޓް، ޑްރާމާ، ރޮމޭންސް، އެކްޝަން ފަދަ މަލްޓިޑައިމަންޝަނަލްތަކުގައި އެންމެ މޮޅު އެކްޓަރު. އެކަކަށް ވެސް އޭނާއާ ގާތް ނުކުރެވޭނެ. ދުވަހަކުވެސް ޝާހުއާ މީހަކާ އަޅާނުކިޔާތި،" ޝާހުގެ އެހެން ފޭނަކު ލިޔުނެވެ.
"އެސްއާރްކޭ އަކީ އެސްއާރްކޭ. އެއީ އިންޑިއާގެ ޓޮމް ކްރޫޒެއް ނޫން، އެއީ ގައުމީ ހަޒާނާއެއް. އެއީ ފިލްމަށް ވުރެ ވެސް މާ ވަރުގަދަ މީހެއް،" ރުޅިގަދަވަމުން ދިޔަ ޝާހުގެ ފޭނުންގެ ޓްވީޓެއްގައި އޮތެވެ.
އެފަދަ ގިނަ ޓްވީޓުތަކަކުން އިއްޔެ ވަނީ ޓްވިޓާ ފުރާލައިފަ އެވެ. ބައެއް މީހުން، ޓޮމް ކްރޫޒަކީ ހޮލީވުޑްގެ ޝާހުއޭ ކިޔައިގެން ވެސް ޓްވީޓު ކުރި އެވެ. އަނެއްބައެއްގެ ނަޒަރުގައި ޓޮމްއާ ޝާހު އަކީ ވެސް ދެ ކިންގުންނެވެ.
އެއްބަޔަކު ލިޔުންތެރިޔާގެ ދިފާއުގައި ވެސް ވާހަކަ ދެއްކި އެވެ. އެ މީހުން ބުނާ ގޮތުގައި، އާޓިކަލްގައި ސިފަކޮށްދީފައި އެވަނީ އެ ދެމީހުންގެ ރީތި ސްޓަންޓުތަކުގެ ވާހަކަތަކެވެ.
"އެ ދެމީހުންނަކީ ވެސް ވަރުގަދަ އެކްޓަރުން. އެކަމް ސްޓަންޓުތަކަށް ބަލާ ނަމަ. އެސްއާރްކޭ އެއްނޫން، އެކަކަށް ވެސް ޓޮމް ކްރޫޒާ ގާތް ވެސް ނުކުރެވޭނެ،" ޝާހުގެ ފޭނެއްގެ ޓްވީޓަކަށް މީހަކު ރައްދު ދެމުން ބުނެފައިވެ އެވެ.
ޝާހުގެ ފިލްމު "ޕަތާން" ގެ ކާމިޔާބީ ފާހަގަކޮށް ލިޔެފައި އޮތް އެ އާޓިކަލްގައި ހަތަރު އަހަރު ފަހުން އެނބުރި ސިނަމާ އަށް އައިސް ރެކޯޑުތައް މުގުރާލި ވާހަކަ ލިޔެފައި އޮތެވެ.