ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ

ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބިން ވިއްކަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ވިއްކާނީ ތިލަފުށި "ޒޯން އޭ"ގައިވާ ބިންތައް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ބިންތައް ދެނީ ތިލަފުށިން އެންމެފަހުން ހިއްކި ސަރަހައްދުންނެވެ. ނަމަވެސް ވިއްކަނީ ސީދާ ކިތައް ބިން ކަމެއް އެޗްޑީސީގެ އިއުލާނުގައި ބުނެފައެއް ނެތެވެ.

• އަމިއްލަ ފަރުދެއް/ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)

• ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް/ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވުން

• ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް/ ބޭރު ކުންފުންޏެއްނަމަ 99 (ނުވަދިހަ ނުވަ) އަހަރަށް ބިން ކުއްޔަށް ދޫކުރުން

• ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރ.

އެޗްޑީސީން ބުނި ގޮތުގައި، ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޖެހޭނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. އަދި ދެވަނަ މަރުހަލާގައި އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރަން ޖެހޭނެ އެވެ.

ބިމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެ ޕޯޓަލް އާންމުންނަށް ހުޅުވާލާނީ އަންނަ އަންގާރަ ދުވަހު ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ތިލަފުށި ސިނައީ ބޭނުމަށް ބިން ވިއްކަން ހުޅުވާލިއިރު، މި ސަރުކާރުން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް އެކުލަވާލައިފަ އެވެ. އަދި ތިލަފުށި ބޮޑުކުރުމުގެ ގޮތުން ބިން ހިއްކުމަށް ވެސް ވަނީ މިދިޔަ އަހަރު ފަހުކޮޅު ބަޔަކާ ހަވާލުކޮށްފަ އެވެ.