ތޮއްޑޫން ގޯތި ދޫކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި
ތޮއްޑޫން ގޯތި ދޫކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

އއ. ތޮއްޑޫން ދޫކުރަން ނިންމާފައިވާ 100 ގޯތި ދޫކުރުން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުއްޓުވައި، ކައުންސިލްގެ މައްޗަށް އިއްޔެ އަމުރެއް ނެރެފި އެވެ.

އެ އަމުރު ނެރުނީ ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓުގައި ނަން ނެތް ހަތަރު މީހަކު ކައުންސިލާ ދެކޮޅަށް ދައުވާ ކުުރުމުންނެވެ. އަމުރުގައި ބުނީ އެ މައްސަލަ ކުރިއަށް ގެންދާތީ ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް، ތޮއްޑޫން ގޯތި ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލަން ކައުންސިލަށް އަމުރު ކުރާ ކަމަށެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިއަދު "މިހާރު" އަށް ވިދާޅުވީ ގޯތި ދޫކުރުން މަޑުޖައްސާލަން ކޯޓުން އަމުރު ކުރިޔަސް، އިދާރީ މަސައްކަތްތައް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހަޅަން ދިން މުއްދަތު މިއަދަށް ހަމަވެ އެވެ.

"އަޅުގަނޑުމެން ވަރަށް ހައިރާންވެފައި މި ތިބީ ކޯޓުން އެ މައްސަލަ އެ ގޮތަށް ބަލައިގަތީމާ. އެއީ އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު މަތިން ރައްޔިތުންނަށް އުސޫލު ހިއްސާ ކުރެވުނު، ކޮމެންޓްސް ނެގުނު، މިނިސްޓްރީއަށް ވެސް ދެތިން ހަތަރު ބުރެއްގައި ވާހަކަ ދެއްކެވި ބަދަލުތައް ގެނެސް، މިނިސްޓްރީގެ ސްޓޭޕް ޖަހައި މުޅިން ފައިނަލް ވެގެން ގޯތި ދިނުމުގެ އުސޫލު ފައިނަލްކުރީ،" އޭނާ ވިދާޅުވި އެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ނެރުނީ އެ އުސޫލާ އެއްގޮތަށް ޕޮއިންޓް ދީގެން ކަމަށް ކަރަމް ވިދާޅުވި އެވެ. ގާނޫނުގައި ބުނާ ގޮތަށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދޭން ޖެހޭ ދެ ހަފުތާގެ މުއްދަތު ވެސް ދީފައިވާ ކަމަށް އޭނާ ވިިދާޅުވި އެވެ.

"ބައެއް ޝަކުވާތައް އެބަހުރި ރަނގަޅު އެއްޗެހި، މި ބުނީ އިދާރީ ކުށް ޖެހިފައި ހުންނަ އެއްޗިއްސާ. އެހެންވީމަ އެ ކަހަލަ އެއްޗިއްސަކީ އަޅުގަނޑުމެން ހަމަ ޔަގީނުން ވެސް ހުށަހެޅީމާ މި މުއްދަތުގެ ތެރޭގައި ސާފުކޮށްދޭނެ އެއްޗެހި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރަށު ކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅަން ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.

ތޮއްޑޫން 100 ގޯތި ދޫކުރަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކައުންސިލުން ދޭން ނިންމާފައި ވަނީ 3،000 އަކަފޫޓުގެ 100 ގޯއްޗެވެ.

އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ވެސް ގޯތި ދޭން އިއުލާންކުރި އެވެ. އެކަމަކު މައްސަލަތަކެއް ދިމާވެ އެ މަސައްކަތް އެ ފަހަރު ވެސް ހުއްޓުނީ އެވެ.