ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލުމުގެ ފެންވަރު "ގާބިލް"ގެ އެބަހުރި
ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލުމުގެ ފެންވަރު "ގާބިލް"ގެ އެބަހުރި

ރާކޭޝް ރޯޝަން އުފައްދާ ހުރިހާ ފިލްމެއްގައި އޭނާގެ ދަރިފުޅު ރިތިކް ރޯޝަން އެކަނި ބައިވެރިކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެގޮތުން ޖެނުއަރީ 25 ގައި ރިލީޒްކުރާ ރާކޭޝް އެންމެ ފަހުން ޕްރޮޑިއުސްކުރި "ގާބިލް"ގެ ވެސް ބަތަލަކީ ރިތިކް އެވެ.

ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލުމުގެ ފެންވަރު "ގާބިލް"ގެ އެބަހުރި
ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލުމުގެ ފެންވަރު "ގާބިލް"ގެ އެބަހުރި

ހުރިހާ ފިލްމެއްގައި ރިތިކް ބައިވެރިކުރަން ރާކޭޝް ބޭނުންވާ މުހިއްމު ސަބަބަކަށް އެ ދެބެފައިން ގުޅިގެން އުފެއްދި ހުރިހާ ފިލްމުތަކެއް ބްލޮކްބަސްޓާ ވުން ވެދާނެ އެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ "ކްރިޝް" އެވެ.

ރާކޭޝް ރޯޝަންގެ ނަސީބު އަތުގައި ހިފީ 2000 ގައި ރިތިކް ތައާރަފްކުރުމުގެ ގޮތުން އުފެއްދި "ކަހޯނާ ޕިޔާރް ހޭ" އާ އެކު އެވެ. މިއީ ހަމައެކަނި ރިތިކްގެ ފުރަތަމަ ފިލްމެއް ނޫނެވެ. ރާކޭޝް ރޯޝަންގެ ފިލްމު ކުންފުނީގެ ފުރަތަމަ ބްލޮކްބަސްޓާ ވެސް މެ އެވެ. އެ ފިލްމަށް 447 މިލިއަން ރުޕީސް ލިބިފައިވެ އެވެ. އެއީ އެ ދުވަސްވަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ނަމަވެސް ރިތިކް އާއި އޭނާގެ ބައްޕަގެ ކެރިއަރުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ފިލްމަކީ 2003 ގައި ނުކުތް "ކޮއި މިލް ގަޔާ" އެވެ. މިއީ ކާމިޔާބު ފްރެންޗައިސްއެއްގެ ފެށުމަކަށް ވެސް ވީ ފިލްމެކެވެ. އޭގެ ފަހުން މި ސިލްސިލާގެ ފިލްމުތައް ކަމަށްވާ "ކްރިޝް" އާއި "ކްރިޝް 3" ވެސް ނެރެފައިވެ އެވެ. ހުރިހާ ފިލްމެއްގައި ވެސް ލީޑް ރޯލު ކުޅުނީ ރިތިކް އެވެ. އަދި ހުރިހާ ފިލްމަކީ ވެސް ބްލޮކްބަސްޓާ އެވެ.

ރިތިކް އާއި އޭނާގެ ބައްޕަ ގުޅިގެން އުފެއްދި ފިލްމުތައް 100 ޕަސެންޓް ކާމިޔާބު ހޯދާފައި ވާއިރު އެހެން މީހަކު ލައިގެން ރާކޭޝް ރޯޝަން ފިލްމު އުފައްދަން ބޭނުން ނުވާނެކަން އެއީ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.

މިފަހަރު އަނެއްކާވެސް މި ދެބަފައިންގެ އާ ފިލްމު "ގާބިލް" ހަމަ މިފަދަ ބޮޑު ކާމިޔާބެއް ހޯދާނެކަމަށް ގިނަ ބަޔަކު ޔަގީންކުރަނީ މާޒީގައި މި ދެބަފައިން އެކުވެގެން ހޯދި ކާމިޔާބީތަކަށް ބަލާފަ އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް ޔާމީ ގޯތަމް ބަތަލާގެ ބައި ކުޅެފައިވާ "ގާބިލް"ގެ ޓްރެއިލާތަކަށް ބަލާލުމުން ފިލްމު އާދަޔާޚިލާފަށް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރެވިފަ އެވެ. ރިތިކް އާއި ޔާމީ މި ފިލްމުގައި ކުޅެނީ ލޯފަން ދެ މީހުންގެ ރޯލެވެ.

ބޮކްސް އޮފީހުގެ ނަތީޖާ ފެންނާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. ކުރިއަށް އޮތް ހަފުތާ ތެރޭ "ގާބިލް" ރިލީޒްކުރާނެ އެވެ. ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް މިފަހަރު ވަރުގަދައަށް ހަނގުރާމަކުރާނެ ފިލްމެއް އެބައޮތެވެ. އެއީ ޝާހްރުކް ޚާންގެ "ރައީސް" އެވެ.

ރިތިކް އާއި އޭނާގެ ބައްޕަގެ ހިޓް ޖޯޑުގެ ކާމިޔާބީ "ގާބިލް"އަށް ފަހު ވެސް ދެމެހެއްޓޭތޯ ނުވަތަ މިހިސާބުން ކާމިޔާބުގެ ސިލްސިލާ އަށް ނިމުން އަންނަނީތޯ އެނގޭނެ އެވެ.