01 ފެބުރުއަރީ 2023 - 17:12

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ސުލްހައިގެ ވާހަކަތައް ދެއްކުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ މިއަދު ވިދާޅުވެއްޖެ އެވެ.
ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ އިޒްރޭލުން، ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށް ނަތަންޔާހޫ މި ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، މިހާރަށް ވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް، އެމެރިކާ އިން ގޮވާލާފައިވަނިކޮށެވެ.
"މިކަމަށް ވެސް ރަނގަޅު ވަގުތަކާއި ރަނގަޅު ހާލަތެއް އޮންނާނެ ކަމަށް އަހަރެން ގަބޫލުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެ ވަގުތާއި އެ ހާލަތު ފެންމަތިވެއްޖިއްޔާ، ޔަގީނުން ވެސް އެކަން ކުރެވޭނެ ގޮތަކާ މެދު އަހަރެން ވިސްނާނަން،" ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައި އޮތް މައްސަލައެކެވެ. އެހެން ނަމަވެސް، "އަހަރެމެންގެ އަމިއްލަ ގައުމުގައި ހައްލުކުރަން ހުރި މައްސަލަތަކެއް ވެސް އެބަހުރި" ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އިޒްރޭލު-ފަލަސްތީނު މައްސަލައަށް ކަމަށް ބެލެވެ އެވެ.
ޔޫކްރޭން ހަނގުރާމައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެކަމުގައި ބައިވެރިވާން އިޒްރޭލް ވެސް ބޭނުންވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އެހެން ނަމަވެސް، ޔޫކްރޭނަށް އެހީވުމުގެ ގޮތުން އިޒްރޭލުން މިހާތަނަށް އެއްވެސް ކަމެއް ނުކުރެ އެވެ.
ސީދާ އިޒްރޭލުން ޔޫކްރޭނަށް މިހާތަނަށް އަސްކަރީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނެތަސް، އިޒްރޭލުގައި ހުރި ގިނަ އަދަދެއްގެ ބަރު ހަތިޔާރާއި ބޮޑުބަޑީގެ އުންޑަތަކެއް، އެމެރިކާ އިން ޔޫކްރޭނަށް މިހާރު ފޮނުވާފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް އަހަރެއް ފުރެން ކައިރިވެފައިވާ އިރު، ހަނގުރާމަ ހުއްޓެން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުން އަދި ބާރު ގަދަކުރަމުންނެވެ.
އެ ގޮތުން ރޭ ދަންވަރުން ފެށިގެން، ރަޝިޔާ އިން ގެންދަނީ ޔޫކްރޭންގެ ދެކުނުގައި އޮންނަ ޚެރްސޯން ސަރަހައްދަށް ވައިގެ މަގުންނާއި ބޮޑުބަޑިން ހަމަލާތައް ދެމުންނެވެ. ޚެރްސޯން އަކީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނިކޮށް، ޔޫކްރޭން ސިފައިން ދިން ވަރުގަދަ ހަމަލާތަކެއްގައި މިނިވަންކޮށް، ޔޫކްރޭންގެ ބާރުގެ ދަށަށް ދާދި ފަހުން ގެންދިޔަ ސަހަރެކެވެ.