ކާމިޔާބު މީހަކަށް ވާން ބޭނުންތަ؟ އަފީފްގެ ހާއްސަ އިވެންޓެއް މިމަހު
ކާމިޔާބު މީހަކަށް ވާން ބޭނުންތަ؟ އަފީފްގެ ހާއްސަ އިވެންޓެއް މިމަހު

ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ކީނޯޓް ތަގުރީރު ދެއްވާފައިވާ ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސެއިންގެ، ހާއްސަ އިވެންޓެއް މިމަހުގެ 11 ވަނަ ދުވަހު މާލޭގައި އޮންނާނެ އެވެ.

މި އިވެންޓުގައި، އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކަނޑައަޅާ ޓާގެޓްތައް ހާސިލްކުރުމަށް ބޭނުންވާ އެކްޝަން ޕްލޭނެއް އެކުލަވާލާނެ ގޮތާއި އެކަންކަން ހާސިލްކުރަން ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، އަފީފް ސެޝަންތަކެއް ނަންގަވައިދެއްވާނެ އެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި ބާއްވާ މި އިވެންޓުގައި، އެތަނަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. އިވެންޓް އޮންނާނީ ހެނދުނު 9 އިން ހަވީރު 5 އަށެވެ.

'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް' ގެ ނަމުގައި ރެޒޫމޯ މޯލްޑިވްސް އިން ބާއްވާ މި އިވެންޓުގައި އަފީފް ޖުމްލަ ތިން ސެޝަނެއް ނަންގަވައިދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށްގެންދާ އިލްމީ ސެޝަންތަކެވެ.

ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި ޖޯން މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް ޖޯން މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.

ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފީއެއް ދައްކައިގެން ބައިވެރިވެވޭ މި އިވެންޓަކީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަހަރެމެން ވިސްނާ ގޮތާއި ދަސްކުރާ ގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާ އިން ކިޔައިދެއްވާނެ،" އޭނާ ވިދާޅުވި އެވެ.

މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސާވަންޓުންނާއި ޔުނިވާސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ހިޔާކޮށްފައި ނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ. މި އިވެންޓުގައި ކުންފުނިތަކާއި އޮފީސްތަކަށް، އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ސެޝަންތައް ނަންގަވައިދެއްވާ އަފީފަކީ އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރެވެ. އޭނާ އަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވުމުގެ އިތުރުން ބައިނަލްއަގްވާމީ އޯޑިއަންސްތަކަށް ޓްރެއިނިން ސެޝަންތައް ވެސް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރު ވެސް މެ އެވެ. އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.

އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://rb.gy/35ggo6