01 ފެބުރުއަރީ 2023 - 14:51

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިގްތިސާދުގެ މިސްރާބު ކަނޑައަޅުމަށް ފިނޭންސް މިނިސްޓަރަށް ލަފާ ދެއްވާނެ އިކޮނޮމިސްޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އިކޮނޮމިސްޓަކަށް ކަނޑައަޅާފައިވާ މުސާރަ/ އެލަވަންސަކީ ގާތްގަނޑަކަށް 38،000ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 19،800ރ. އާއި އެލަންވަންސްގެ ގޮތުގައި 11،340ރ. އާއި އެހެނިހެން އެލަވަންސްގެ ގޮތުގައި އޮފީހަށް ދާ ކޮންމެ ދުވަހަށް 307ރ. އެވެ.
އެ އިއުލާނުގައިވާ ގޮތުން މަގާމުގެ އިގްތިސާދީ ދާއިރާ އިން ޕީއެޗްޑީ ހާސިލުކޮށްފައި ވުމުގެ އިތުރުން މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި މަގާމަށް ހޮވޭ ބޭފުޅަކު ރާއްޖޭގެ ތަރައްގީގެ ގައުމީ ޕްލޭނާ އެއްގޮތަށް އިގްތިސާދީ ލަނޑުދަނޑިތައް ކަނޑައަޅަން ޖެހޭނެ އެވެ. އެކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ދިރާސާކޮށް ޑޭޓާ އެނަލައިޒް ކުރަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ ފޯކާސްޓިން އާއި ފިސްކަލް ޕޮލިސީތައް އެކުލަވައިލާން ޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކުގެ ފޯކާސްޓް ތައްޔަރުކުރުމާއި މޮނިޓާ ކުރުމާއި
ނޭޝަނަލް މެކްރޮ އިކޮނޮމިކް ޕޮލިސީ އާއި ފައިނޭންޝަލް ޕޮލިސީތައް ބަލައި އެކަމާ ގުޅޭ އުސޫލުތައް ހަދަން ޖެހޭނެ އެވެ. އަދި އެކަމާ ގުޅޭ އިގްތިސާދީ ފްރޭމްވޯކާއި މަޝްރޫއުތަކަށް ފައިސާ ބަޖެޓުކުރުމުގައި އިސްކަން ދޭންޖެހޭނެ ކަންކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަގާމަށް އެދި މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.