ސޯނަމް ކަޕޫރާއި ހުމާ ގުރޭޝީ ވެސް ހޮލީވުޑަށް
ސޯނަމް ކަޕޫރާއި ހުމާ ގުރޭޝީ ވެސް ހޮލީވުޑަށް

ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ އަށް ފަހު ހޮލީވުޑް ފިލްމުތައް ކުޅުމަށް ޝައުގުވެރިވާ ބޮލީވުޑް އެކްޓަރުން ވަނީ ގިނަ ވެފަ އެވެ. އެގޮތުން އެންމެ ފަހުން ހޮލީވުޑް ފިލްމުތަކުގައި ބައިވެރިވާން ނިންމާފައިވަނީ ސޯނަމް ކަޕޫރާއި ހުމާ ގުރައިޝީ އެވެ.

ސޯނަމްގެ ބައްޕަ އަނިލް ކަޕޫރަކީ ވެސް ހޮލީވުޑްގެ ބައެއް ފިލްމުތަކުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ. އެގޮތުން ޑެނީ ބޮއިލްގެ "ސްލަމްޑޯގް މިލިނަޔާ" އާއި ޓޮމް ކްރޫޒް ލީޑް ރޯލު ކުޅެފައިވާ "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" އަނިލް ވަނީ ކުޅެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހޮލީވުޑު ފިލްމުތަކަށް ސޯނަމް ޝައުގުވެރިވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު ބެލެވޭ ގޮތުން ސޯނަމްގެ އިންތިޒާރަށް ވަނީ ނިމުމެއް އަންނަން ކައިރިވެފަ އެވެ. "ކޮފީ ވިތު ކަރަން" ޓޯކް ޝޯގައި ސޯނަމް ވަނީ ހޮލީވުޑް ފިލްމެއް ކުޅުމަށް މަޝްވަރާކުރަމުންދާ ކަމަށް އެއްބަސް ވެފަ އެވެ.

"ގޭންގްސް އޮފް ވާސޭޕޫރް"ގެ ބަތަލާ ހުމާ ގުރޭޝީ ވެސް ހޮލީވުޑް ފިލްމެއް މިހާރު ކުޅެމުން އެބަދެ އެވެ. ހުމާ ކުޅޭ "ވައިސްރޯއި ހައުސް" އަކީ "ބެންޓް އިޓް ލައިކް ބެކަމް" އުފެއްދި ގުރިންދުރަ ޗައްދާ އުފައްދާ ފިލްމެކެވެ. މި ފިލްމު އިނގިރޭސި ވިލާތުގައި މާޗް 3 ވަނަ ދުވަހު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ސްރީ ލަންކާގެ ރީތީގެ ރާނީ އަދި ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑިސް ވެސް 2015 ގައި އިނގިރޭސި ފިލްމެއް ކަމަށްވާ "ޑެފިނިޝަން އޮފް ފިއާ"ގައި މުހިއްމު ބައެއް ކުޅުނެވެ. އަދި ޖެކްލީން މިހާރު ވެސް ދަނީ ހޮލީވުޑް ފިލްމުތައް ހޯދަން މަސައްކަތް ކުރަމުންނެވެ.

ހޮލީވުޑްގައި މަސައްކަތް ފަށާފައިވާ އިތުރު ތަރިންގެ ތެރޭގައި ނޭޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ރާޖްކުމާރު ރާއޯ ހިމެނެ އެވެ. ނަމްރަތާ ސިންގް ގުޖްރާލް ޑައިރެކްޓްކުރާ ހޮލީވުޑް ފިލްމު "5 ވެޑިންސް"ގައި ބަތަލާގެ ބައި ކުޅެނީ ނަރްގިސް ފަޚްރީ އެވެ. މިއީ ނަރްގިސްގެ ފުރަތަމަ ހޮލީވުޑް ފިލްމެއް ނޫނެވެ. އޭނާ 2015 ގައި "ސްޕައި" ކިޔާ އެކްޝަން ކޮމެޑީ ފިލްމެއް ކުޅެފައިވެ އެވެ.

ހޮލީވުޑުގައި ފާހަގަކޮށްލެވޭ މޮޅު ފިލްމެއް ކުޅެމުންދާ ބޮލީވުޑް އަނެއް ތަރިއަކީ ނަވާޒުއްދީން ސިއްދީގީ އެވެ. އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުކުރަމުންދާ "ލަޔަން" ގައި ނަވާޒް އާ އެކު ބައިވެރިވަނީ ހޮލީވުޑް މަޝްހޫރު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ރޫނީ މާރާ އަދި ދޭވް ޕަޓޭލް އެވެ.

މީގެ އިތުރުން އިރްފާން ޚާނާއި ނަސީރުއްދީން ޝާހް އަދި އަނޫޕަމް ކޭރާއި ދާދިފަހުން މަރުވި އޯމް ޕޫރީ އަކީ ވެސް ހޮލީވުޑްގައި ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އެކްޓަރުން ތަކެކެވެ.

އަދި "ގާބިލް"ގެ ބަތަލު ރިތިކް ރޯޝަން ވެސް ހޮލީވުޑް ފިލްމު ކުޅުމަށް ޝައުގުވެރިވާކަން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ދާދިފަހުން ރިތިކް ސިންގަޕޫރަށް ދަތުރުތަކެއް ކޮށް ލޮސް އެންޖަލިސްގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.