ޗެލްސީ އިން އެންމެ ފަހުން ރެކޯޑް އަގެއް ދީފައި އެންޒޯ ހޯދައިފި
ޗެލްސީ އިން އެންމެ ފަހުން ރެކޯޑް އަގެއް ދީފައި އެންޒޯ ހޯދައިފި

ލަންޑަން (ފެބްރުއަރީ 1) - ޗެލްސީ އިން އިނގިރޭސި ރެކޯޑް ފީ އަކަށް، ބެންފީކާ އަށް ކުޅޭ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ ސޮއި ހޯދައިފި އެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕް ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި އެންޒޯގެ ސޮއި ހޯދަން ޗެލްސީ އިން މި ޓްރާންސްފާ ބާޒާރު ފެށުމުގެ ކުރިން މަސައްކަތް ކުރުމަށް ފަހު، ބެންފީކާ އާއެކު އެއްބަސްވުމަކަށް ނާދެވިގެން މަސައްކަތް ހުއްޓާލި އެވެ. ނަމަވެސް ޓްރާންސްފާ ބާޒާރު ބަންދުވާން ދެތިން ދުވަހަށް ވެފައި ވަނިކޮށް ޗެލްސީން އަލުން މަސައްކަތް ފަށައި ވަނީ ޑީލް ކާމިޔާބު ކޮށްފަ އެވެ.

ޗެލްސީ އިން އެންޒޯގެ ސޮއި ހޯދީ 121 މިލިއަން ޔޫރޯ (107 މިލިއަން ޕައުންޑް/ 132 މިލިއަން ޑޮލަރު) ގެ އަގަކަށް، ޖޫން 2031 ގެ ނިޔަލަށެވެ. ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ބެންފީކާ އަށް 50 މިލިއަން ޑޮލަރު ޗެލްސީން ދައްކައިފަ ވާއިރު، އަގު އެއްކޮށް ދައްކަން ހަމަޖެހިފައި ވަނީ ހަ އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ.

ޓްރާންސްފާ ފީގެ 25 ޕަސެންޓު ފެނާންޑޭޒް ކުރިން ކުޅުނު އާޖެންޓީނާގެ ރިވާ ޕްލޭޓަށް ލިބޭނެ އެވެ. އެންޒޯ ބެންފީކާ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 12 މިލިއަން ޑޮލަރުގެ އަގަކަށެވެ.

މީގެ ކުރިން އިނގިރޭސި ރެކޯޑް ޓްރާންސްފާ އަކީ 100 މިލިއަން ޕައުންޑް (123 މިލިއަން ޑޮލަރު) އަށް އެސްޓަން ވިލާ އިން ޖެކް ގްރީލިޝް 2021 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޓްރާންސްފާ އެވެ.

އެމެރިކާގެ ޓޮޑް ބޯލީ އިސްވެ ހުރެގެން ހިންގި ކޮންސޯޓިއަމް އިން މިދިޔަ އަހަރު ޗެލްސީ ގަތީ 4.25 ބިލިއަން ޕައުންޑް (5.2 ބިލިއަން ޑޮލަރު) ގެ އަގަކަށެވެ. އެންޒޯގެ ޓްރާންސްފާ އާއެކު ޗެލްސީގެ އާ ވެރިން ވަނީ މި ސީޒަންގެ ދެ ޓްރާންސްފާ ބާޒާރުގައި 600 މިލިއަން ޕައުންޑާ ގާތް ކުރާ އަގަކަށް ކުޅުންތެރިން ހޯދައިފަ އެވެ.

އެންޒޯގެ ސޮއި ޗެލްސީ އިން ހޯދާފައި ވާއިރު، ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ 15 މިލިއަން ޑޮލަރުގެ އަގަކަށް، އާސެނަލް އަށް ބަދަލު ވެފަ އެވެ.

ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 10 ވަނައިގައި، ގަދަ ހަތަރެއްގެ ޖާގައަކާ 10 ޕޮއިންޓްގެ ފަރަގެއްގަ އެވެ. އެއް ވަނައިގައި އޮތީ ޗެލްސީ އަށް ވުރެ 21 ޕޮއިންޓް އިރުރަށް ހޯދައިފައިވާ އާސެނަލް އެވެ.