ސެންޓްރަލް އޭޝިއާގެ ވޮލީބޯޅަ އޮފީސް ރާއްޖޭގައި
ސެންޓްރަލް އޭޝިއާގެ ވޮލީބޯޅަ އޮފީސް ރާއްޖޭގައި

ފުރިހަމަ އަގުލަބިއްޔަތާ އެކު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ސެންޓްރަލް އޭޝިއާގެ ވޮލީބޯޅަ އޮފީސް ރާއްޖޭގައި
ސެންޓްރަލް އޭޝިއާގެ ވޮލީބޯޅަ އޮފީސް ރާއްޖޭގައި

ކާވާ އަކީ އޭޝިއާގެ މައި އެސޯސިއޭޝަން (އޭވީސީ) ގެ ދަށުން ހިންގާ ފަސް އެސޯސިއޭޝަނުގެ ތެރެއިން އެއް އެސޯސިއޭޝަނެވެ. ކާވާ ގައި ސެންޓްރަލް އޭޝިއާ އާއި ދެކުނު އޭޝިއާ ސަރަހައްދު ހިމެނޭ ހެން ޖުމްލަ 14 ގައުމެއް ހިމެނެ އެވެ. އެއީ ރާއްޖޭގެ އިތުރުން، އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އިރާން، ކަޒަކިސްތާން، ކްރްގިސްތާން، ނޭޕާލް، ޕާކިސްތާން ސްރީ ލަންކާ، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނެވެ.

ހުރިހާ ގައުމެއްގެ އަގުލަބިއްޔަތާ އެކު ރާއްޖޭގައި ކާވާގެ އޮފީސް ގާއިމު ކުރަން ނިންމީ، އާދިއްތަ ދުވަހު މާލޭގައި ބޭއްވުނު ކާވާގެ ޖެނެރަލް އެސެމްބްލީގަ އެވެ. އެފްއައިވީބީ އާއި އޭވީސީ އިން ވެސް ވަނީ ރަސްމީކޮށް ކާވާ ބަލައިގަނެ، އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

ކާވާގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ކުރިން ރާއްޖޭގެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު، ކާވާގެ މިންގަނޑުތަކަށް ނުފެތޭތީ، 2021 ވަނަ އަހަރާ ހަމައިން އަސާސީ ކަންކަމަށް ބަދަލު ގެނެސް ހިންގަން ފެށުމުން މިހާރު ހުރީ ބޭނުންވާ ކަންކަން ފުރިހަމަ ވެފައި ކަމަށެވެ. އަދި ހެޑް އޮފީސް ރާއްޖޭގައި ގާއިމް ކުރުމުގެ ފުރުސަތަކީ ބޮޑު ކާމިޔާބެއްގޮތުގައި ދެކޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"ހުރިހާ ގައުމެއްގެ އިއްތިފާގުން އަސްލު ނިންމާފައި މިއޮތީ ކާވާގެ އޮފީސް ރާއްޖޭގައި ގާއިމް ކުރަން. މިއީ ރާއްޖެއަށް ގިނަ ގޮތްގޮތުން ފުރުސަތު ލިބިގެންދާނެ ކަމެއް. އެފްއައިވީބީން އެއޮތީ އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް ވެސް ދޭގޮތަށް ހަމަޖައްސާފައި. މިކަންކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ސްޕޮންސަރުން ހަމަޖެހި ޑިވެލޮޕްމަންޓް ޕްލޭނެއްގެ ތެރެއިން ގިނަ ކަންތައްތައް ކުރެވޭނެ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ލަތީފް ވިދާޅުވި އެވެ.

"މި ފުރުސަތު ލިބުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އާއި އެފްއައިވީބީ އިން ލިބޭ ބަޖެޓަކާ އެއްޗެހި މީގެއިން އަޅުގަނޑުމެން ޔުޓިލައިޒް ކުރާއިރު ދިވެހިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ. ހާއްސަކޮށް ޓެކްނިކަލް ޓީމުގެ ކެޕޭސިޓީ ބިލްޑް ކުރުމާއި މިކޮޅުގައި ކޯސް ހިންގުމަށް ލިބޭ ފުރުސަތު ވެސް އިތުރު ވާނެ. މިއީ ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެކެނީ."

ލަތީފް އިތުރަށް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އޮފީސް ގާއިމް ކުރާ ވާހަކަ ދެއްކި ނަމަވެސް ދިވެހި ސަރުކާރަށް ރަސްމީ ސިފައެއްގައި ހުށަހަޅާފައި ނުވާނެ ކަމަށާއި އެކަމަކު ކާވާގެ ޖެނެރަލް އެސެމްބްލީ އިން އެގޮތަށް ނިންމާފައި ވުމުން ސަރުކާރަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކާވާގެ ސެކްރެޓަރީ ޖެނެރަލް ކިރްގިސްތާނުގ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ކިލިޗް ޝަރްބަގީޝިއެވް ވިދާޅުވީ ކާވާގެ ޖެނެރަލް އެސެމްބްލީ ރާއްޖޭގައި ބޭއްވުމުން އުފާވާ ކަމަށާއި އަދި މެމްބަރު ހުރިހާ ގައުމަކުން ވެސް އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެފްއައިވީބީގެ އެހީ ފުރިހަމައަށް ރާއްޖޭގެ ވޮލީ އަށް ލިބި، ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.