01 ފެބުރުއަރީ 2023 - 11:52

މުޒާހަރާކުރާ މީހުންގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިވެގެން ނުވާނެ ކަމަށާއި މުޒާހަރާ ކުރުމަކީ ޑިމޮކްރަސީއެއްގައި ދޭންޖެހޭ ހައްގެއް ކަމަށް ވިޔަސް އެ ހައްގު ބޭނުންކުރަންވާނީ މުޖުތަމައުގެ ހައްގު ނުގެއްލޭ ގޮތަށް ކަމަށް އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީ ސުއެއްލާ ބްރޭވްމަން ވިދާޅުވެއްޖެ އެވެ.
މުޒާހަރާތައް ހުއްޓުވަން ފުލުހުންނަށް ބޮޑެތި ބާރުތައް ލިބޭ ގޮތަށް ހުށަހަޅާފައިވާ "ޕަބްލިކް އޯޑަ ބިލް" ފާސްކޮށްދިނުމަށް އެދިވަޑައިގެން ހޯމް އޮފީހުން އާންމުކުރި ބްރޭވްމަންގެ ވީޑިއޯއެއްގައި އޭނާ ވިދާޅުވީ މި ބިލަކީ ފުލުހުން އެދިގެން އެ މީހުން އެދުނު ގޮތަށް ޑްރާފްޓްކޮށްފައިވާ ބިލެއް ކަމަށެވެ.
ފާޑުކިޔުން އަމާޒުވެފައިވާ ބިލަކީ މުހިންމު ބިލެއް ކަމަށް ސިފަކުރައްވަމުން ބްރޭވްމަން ވިދާޅުވީ އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް އެ މީހުންގެ އާންމު ދިރިއުޅުމަށް ދަތިނުވެ މިނިވަންކަމާ އެކު އުޅުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ. އާންމުންނަށް އެ މީހުންގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތަކަށް ގަޑި ނުޖެހި ދެވެން ޖެހޭނެ ކަމަށާއި ގާތްތިމާގެ މީހުންގެ ޖަނާޒާތަކަށާއި ވަޒީފާއަށް ލަސްނުވެ ދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގުތައް ބަންދުވެ ދަތުރުފަތުރު ލަސްވެ އާންމުންނަށް އުނދަގޫތައް ކުރިމަތިވެގެން ނުވާނެ ކަމަށެވެ.
"އެހެން މީހުންނާ މެދު ވިސްނާލުމެއް ނެތި މުޒާހަރާކުރާ މީހުން ފުލުހުންގެ އަގު ހުރި އެތައް ވަގުތަކާއި ވަސީލަތެއް އެބަ ބޭކާރުކޮށްލާ،" ބްރޭވްމަން ވިދާޅުވި އެވެ.
ހޯމް ސެކްރެޓަރީ ވިދާޅުވީ ފުލުހުންގެ ގެއްލިގެންދާ ވަގުތަކީ ވައްކަމެއް ކޮށްގެން އުޅޭ ތަނަކަށް ފުުލުހުން ދާންޖެހޭ ވަގުތަކަށް ވެދާނެ ކަމަށާއި ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް އެހީވާން ފުލުހުންނަށް ލިބޭ ވަގުތަށް ވެސް ވެދާނެ ކަމަށެވެ.
މުޒާހަރާކުރުމަކީ ޑިމޮކްރަސީގެ މުހިންމު އަސާސެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޕަބްލިކް އޯޑަ ބިލުން ކުރަން އުޅޭ ކަމަކީ މުޒާހަރާގެ ނަމުގައި ބޭނުންކުރާ ގެރިއްލާ ޓެކްޓިސްތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ މީހުންނަށް އެކަށީގެންވާ އަދަބެއް ދިނުން ކަމަށެވެ. މިއީ ގިނަ އަދަދެެއްގެ ބަޔަކު ހިމެނޭ ކަމެއް ނޫން ކަމަށާއި މިފަދަ އަމަލުތައް ހިންގާ މީހުންނަކީ މުޒާހަރާގެ ނަމުގައި ރައްޔިތުން ރަހީނުކުރާ ބައެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.
ހުށަހަޅާފައިވާ ބިލުން މިފަދަ މީހުންނާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށާއި އާންމުންނަށް ދަތިކުރާ މީހުން ވަގުތުން ހުއްޓުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ "ބުރަކޮށް މަސައްކަތްކުރާ ފުލުހުން" ސަރުކާރުގެ ކިބައިން އެދިފައިވާ ކަންކަން ސަރުކާރުން އަޑުއަހައި އެ ކަންކަމަށް އިޖާބަ ދީފައިވާ ބިލެއް ކަމަށެވެ. ހައުސް އޮފް ލޯޑްސް އިން މި ބިލް ފާސްކޮށްދޭން ވާނެ ކަމަށާއި އާންމުންނަށް އެ މީހުންގެ ދިރިއުޅުމައިގެން އުޅެވޭނެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލާ ދެކޮޅަށް، ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ ބަހުސް ހޫނުވެފަ އެވެ. އެކަމަކު ބައެއް ބަދަލުތަކާ އެކު ބިލް ފާސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.