ވަޒަން
ވަޒަން

އާދިއްތަ ދުވަހާ ގުޅޭ

"މަންމަ ޒިންމާވާން ޖެހޭނީ!" މަޑުމަޑުން އިޔާދު ބުނެލިއެވެ.

އަމިއްލައަށް މަރުވުމަށް ޓަކައި ދިހަވަނަ ބުރިން އިޔާދު ފުންމައިލި ވަގުތަކީ ވެސް ގޭތެރޭގައި ކުޑަ ހަމަނުޖެހުމެއް ހިނގަމުންދިޔަ ވަގުތެކެވެ. ކޮޓަރީގައި އިޔާދު ނެތްކަމެއް އެކަކަށް ވެސް ނޭނގެއެވެ. އޮލިވަރއާއި ފަރީހާން އަރައިރުންވީ ކުރިން ވެސް އަރައިރުންވާ މައްސަލައިގައެވެ. ފަރީހާންގެ ފައިސާއިން ދިރިއުޅެން އޮލިވަރ އުޅޭތީއެވެ. އިޔާދު ވެއްޓުނު އަޑެއް ނީވެއެވެ. ވެއްޓުނު ތަނެއް މީހަކަށް ނުފެނެއެވެ. ހަމަހިމޭންކަމެއްގެ މުށުތެރޭގައި ހުރިހައި ކަމެއް ފޮރުވި ނިމުނީއެވެ.

ފަތިސްވިއެވެ. ހެނދުނު ވިއެވެ. ދަންވަރު ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ ހިލަމެއް ނުވެއެވެ. ދުވަހުގެ މަސައްކަތަށް މީހުންތައް ނުކުމެ، ކޮޅުކޮޅަށް ދަތުރު ފެށިއެވެ. އިރުކޮޅެއް ނުވެ ފުލުސްކާރާއި އެންބިއުލަންސު ސައިރަންގެ އަޑުން މާހައުލު ގުގުމައިގަތެވެ. ފަރީހާނަށް ހޭލެވިގެން، ލޯއުނގުޅަމުން ގޮސް ކުޑަދޮރު ހުޅުވައިފައި ތިރި ބަލައިލިއެވެ. ފަރީހާން ދިރިއުޅެނީ ނުވަވަނަ ބުރީގައެވެ. އަށްވަނަ ބުރީގެ ފާރުކައިރީގައި ދާގަނޑެއް ދަމާފައި އޮތެވެ. އެއީ، މަރާމާތުގެ މަސައްކަތެއް ހިނގަމުންދާތީ މީހުންގެ ރައްކާތެރިކަމަށް ޓަކައި ދަމައިފައި އޮތް ވަރުގަދަ ދާގަނޑެކެވެ. ފަރީހާނަށް ތިރި ފެންނަނީ ދާގަނޑު ތެރެއިންނެވެ. މަގު އޮތީ ބަންދުކޮށްފައެވެ. އޭރު ފެންނަންއޮތީ ތިން ފުލުސްކާރެވެ. އެންބިއުލަންސެއް ނެތެވެ. ތިރީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ތިބީ މައްޗަށް ބަލަހައްޓައިގެންނެވެ. ފަރީހާން ހިތަށްއެރިއެވެ. އެ ވަރު ދާގަނޑެއް ދަމައިފައި އޮއްވައި ވެސް ކޮންމެވެސް އެއްޗެއް ތިރިޔަށް ވެއްޓިގެން މީހެއްގެ ގައިގަ ޖެހުނީއެވެ. ޗޮސްކަނޑަމުން ދޮރު ލައްޕައިފައި އައިސް އެނދުގައި އިށީނެވެ.

"ކިހިނެއްވެގެން އެ އުޅެނީ؟" ނިދިއަޑަކުން އޮލިވަރ ބުންޏެވެ.

"ކޮންމެވެސް މީހަކަށް އަނިޔާވީ. ބަލައެއްނުލާނެ!" އޮށޯންނަމުން ފަރީހާން ބުންޏެވެ. "މާ ބޮޑަށް ފަރުވާކުޑައީ. ރޭގަ އަހަރެން ވެސް ކިރިޔާއެއްނު މަރުނުވީ. މީހަކަށް ދޫކުރާނެ މީހަކު ނެތް."

"އަހަންނަކަށް އަދިވެސް ނޭނގެ އެއީ ކިހިނެއްވީ ކަމެއްކަމެއް. އަހަރެން ބުނާނީ.." އޮލިވަރއަށް ބުނެވުނީ އެ ހިސާބަށެވެ.

"ދެން އަނެއްކާ އެ ވާހަކަ ނުފަށަމާ!" މޫނުގައި ރަޖާއަޅަމުން ފަރީހާން ބުންޏެވެ. "ނިދިޔަދީބަލަ!"

އެ ވަގުތު ދޮރުގެ ރަނގަބީލުޖެހި އަޑުއިވުނެވެ.

"ކާކު މި ގަޑީގަ އަންނާނީ؟" އޮލިވަރ އެހިއެވެ.

ފަރީހާން އެއްޗެއް ނުބުންޏެވެ. އެއަށް ވުރެ މާ ކަންނެތްވެފައި އޮތީމައެވެ. ދޮރު ހުޅުވަން ފަރީހާން ގާތުގައި އޮލިވަރ ދެ ފަހަރަކު ބުންޏެވެ. ފަރީހާން އަތެއް ގުޑުވައި ވެސް ނުލިއެވެ. ހުސްގަޔާ ހުރި އޮލިވަރ، ކުދިކިޔަމުން ގޮސް ދޮރުކަޅީގައި ލޯޖަހައިފައި ބޭރު ބަލައިލިއެވެ. އޮލިވަރ ދިޔައީ ސިއްސައިގެންނެވެ. ދުވެފައި އައިސް ސޯޓަކާއި ޓީޝާޓެއް ލިޔެވެ.

"އޭ ހޭލަބަލަ!" އޮލިވަރ ބުންޏެވެ. "ފުލުހުން އައިސް އެބަ ތިބި."

ފަރީހާން ފުންމައިގެން ތެދުވިއެވެ. ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައިތިބީ ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލިސް ނުވަތަ ފުލުހުންގެ ދެ މީހުންނެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ. އެ މީހުން އަޅައިގެންތިބި ތޮފި ނެގިއެވެ. އެތެރެއަށް ވަނުމުގެ ހުއްދައަށް އެދުނެވެ. އެންމެން ވަދެ ސޯފާގައި އިށީނެވެ.

"ކިހިނެއްވީތަ؟" އޭރު އެތައް ފަހަރަކު އޮލިވަރ ސުވާލުކޮށްފިއެވެ.

"މި ތަނުގަ ދިރިއުޅޭ އެންމެން ހަމަތޯބަލައިލަން ބޭނުން." އެއް އޮފިސަރު އެދުނެވެ.

އޮލިވަރ ހަމައޭ ބުނި ނަމަވެސް، ފަރީހާންގެ ހަނދާނަށް އައީ ކުޑަދޮރު ހުޅުވައިލި ވަގުތު މީހުން މައްޗަށް ބަލަން ތިބި މަންޒަރެވެ. އިޔާދުއާއި ފަރީހާނާ ދެމެދު ހިނގައިދިޔަ ހާދިސާއެވެ. ފަރީހާން ވަގުތުން ގޮސް އިޔާދުގެ ކޮޓަރީގައި ޓަކިޖަހައިލިއެވެ. ދޮރު މަޑުމަޑުން ހުޅުވުނެވެ. ފަރީހާން ބަލައިލި އިރު އިޔާދެއް ނެތެވެ. ފާހާނާ ބެލި އިރު އެ ތާކު ވެސް ނެތެވެ.

"އިޔާދު ކޮބާ؟" ފަރީހާން ހަޅޭއްލަވައިގަތެވެ. "މަގޭ ދަރި ކޮބާ؟"

ގަޑިން ހެނދުނު ދިހަގަޑި ބައިވަނީއެވެ. އޮލިވަރއާއި ފަރީހާން ތިބީ ކެނެޑާގެ ފުލުސްއޮފީހުގައެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން ފަރީހާންގެ ލޯ ހުރީ ރަތްވެފައެވެ. އޭނައަކަށް ވާހަކައެއް ނުދެއްކެއެވެ. ޓިޝޫއިން ލޯ ފުހެލަފުހެލައި އިނީއެވެ. ކޮންމެހެން ދޭންޖެހޭ ޖަވާބެއް ދެއެވެ. ހުރިހައި ވާހަކައެއް ދެއްކީ އޮލިވަރއެވެ.

"އެ ކަމެއް ހިނގި އިރު އަހަރުމެން ވެސް އުޅުނީ ކުޑަ އަރާރުމެއްގަ،" ހިތާމައިގެ ރާގެއްގައި އޮލިވަރ ބުންޏެވެ. "އަނެއްހެން ޒުވާބުކޮށް ތަޅާފޮޅީކީ ނޫން. ދެމަފިރިން ތެރޭގަ ވެސް ކުދިކުދި މައްސަލަ ޖެހޭނެތާ. އެހެންވެ ނޭނގުނީ. ދޯ ފަރީ!"

"ފަހަކަށް އައިސް.. އިޔާދު އަބަދުހެން އޮންނާނީ.. ކޮޓަރީގަ،" ފަރީހާން ބުންޏެވެ. "ނުކުތަސް ނުކުންނާނީ.. ކާން. އުޅުނަސް އުޅޭކަމެއް ނޭނގޭނެ. ހީ ވެސް ނުކުރަން..."

އަނެއްކާ ވެސް ފަރީހާނަށް ރޮވުނީއެވެ.

"އެކަމަކު ތި ބުނީ ދާގަނޑެއް ދަމާފައޭ އޮތީ،" އޮލިވަރ ފާހަގަކުރިއެވެ. "އިޔާދަކަށް ނޭނގޭނެ ދާގަނޑެއް އޮތްކަމެއް. ރޭގަނޑަކު ނުވެސް ފެންނާނެ. އަމިއްލައަށް މަރުވާން ފުންމާލިޔަސް ދާގަނޑަށް ވެއްޓުނީމަ މަރުވެގެން ނުވާނެއްނު. ފުންމާލީ ދިހަޔަކުން. ދާގަނޑު އޮތީ އަށެއްގަ. ދެން ކީއްވެ މަރުވީ؟"

"ތީ ތާ ސުވާލަކީ،" ފުލުސް އޮފިސަރު ބުންޏެވެ. "ވެދާނެ ފުންމާލުގެ ކުރިން އިތުރު ކަމެއް ހިނގީކަމަށް. ވެދާނެ ފުންމާލި ތަނާ އެއްޗެއްގަ ޖެހުނީ ކަމަށް ވެސް. އެކަމަކު އެއީ ނާދިރު ކަމެއް. ޖެހޭނެ އެއްޗެއް އެ ތާކު ނެތް. ޕޯސްޓްމޯޓަމް ރިޕޯޓު ލިބުނީމަ ވަރަށް ގިނަ އެއްޗެހި އެނގޭނެ. މި ކަހަލަ ކޭސްތަކުގަ، ބައެއް ފަހަރު ބެލެނިވެރިން، ފަރުވާކުޑަވުމުގެ ޒިންމާނަގަން ޖެހޭ. އެހެންވީމަ، ފުރައިގެން އެއްވެސް ތާކަށް ނުދެވޭ ގޮތަށް ދެމަފިރިން ގޭގަ މަޑުކުރަން ޖެހޭނީ."

އޮލިވަރއާއި ފަރީހާން އެއްބަސްވިއެވެ. ފުލުހުން ނުބުންޏަސް، ވީ ގޮތް ނޭނގެނީސް އެއްވެސް ތާކަށް ފުރާކަށް އެ މީހުން ބޭނުމެއް ނޫނެވެ. އިޔާދުގެ ދަރަނީގެ މައްސަލަތަކާއި، ޑުރަގު މައްސަލަޔާ، ސޯފިޔާގެ މައްސަލަ އެކަކަށް ވެސް ނޭނގެއެވެ. ފަރީހާން ހީކުރީ އިޔާދު މަރުވީ ފަރީހާން ލާރި ނުދިނީމައިކަމަށެވެ. ފައިސާގެ މައްސަލަ އެހައި ސީރިޔަސްކަން ފަރީހާނަށް ކުރިން އެނގުނު ނަމަ، އަތުގައި ހުރި ހުރިހައި ފައިސާއެއް ދީގެން ވިޔަސް ދަރިފުޅުގެ ފުރާނަ ސަލާމަތްކުރީހެވެ. ފަރީހާންގެ ނަޒަރުގައި ކުށްވެރިޔަކީ ފަރީހާނެވެ.

ގެއަށް އާދެވުމުން ފަރީހާންގެ ރުއިން ހައްތަހާ ގަދަވިއެވެ.

"ދެން ހުއްޓާލާ!" އޮލިވަރ އެދުނެވެ. "އަމިއްލައަކަށްނު އޭނަ މަރުވީ. އަހަރުމެން ކީއްކުރާނީ؟"

"އޮލިވަރއަށް ކަމެއް.. ނުކުރެވުނަސް އަހަންނަށް... އަހަންނަށް އެ ކަން.. ހުއްޓުވުނީސް،" ފުރަތަމަ ފަހަރަށް އެ ވާހަކަ ފަރީހާން ކިޔައިދިނެވެ. "ހާދަ ފަހަރަކު އޭނަ ބުންޏޭ ލާރިދޭށޭ!"

މާލެއިން ސުރެ އެ ކަން ހިނގަމުންއައި ގޮތް ފަރީހާން ކިޔައިދިނެވެ. ފައިސާގެ ވަކި މިންގަނޑެއް ފަރީހާން ހިފޭއްޓީ އިޔާދު ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. ނުބައި މަގަކުން ދަރިފުޅު ދިޔަނުދޭންވެގެންނެވެ. އޮލިވަރއަށް އެ ކަން ގަބޫލުކުރެވެއެވެ.

"ފަރީގެ ކުށެއް ނެތޭ!" އޮލިވަރ ބުންޏެވެ. "ކާކަށް އެނގޭނީ އެހެން ވާނެކަމެއް؟ ފަރީ ލާރި ނުދެނީކީ ވެސް ނޫނެއްނު! ތި ބުނީ މަހަކު ފަންސަވީސް ހާސް އޭނަގެ އެކައުންޓަށް ޖަމާކުރަމޭ! އެއީ ކުޑަ އެއްޗެއް ނޫން. އަނެއްކޮޅުން ލާރި ނުދިނޭ ކިޔާފަ އަމިއްލައަށް މަރުވެގެން ނުވާނެ. އަހަންނަށް ހީވަނީ އޭނަ ފުންމާލި ތަނާ ހޭނެތުނީހެން. އެހެން ވެސް ވެދާނެ. ހޭނެތުނު ފަހުން ދާގަނޑަށް ވެއްޓުނީ. އެކަމަކު އެ ތަނުން އޭނަ ބާލަން އުޅެނިކޮށް ތަނެއްގަ ބޯޖެހުނީ. ކީއްވެ އެހެން ނުވާންވީ؟ މައްސަލައެއް ނެތް، ހިސާބުގަނޑު މީހުންގެ ފަރާތުން އެނގުނީ އިޔާދު އުޅެނީ މިތާކަން. ދެން ކީއްވެ އަހަރުމެންނަށް ނުދައްކާ އޭނަ ހޮސްޕިޓަލަށް ގެންދަންވީ؟ ހަނދާންވޭތަ؟ އެއްފަހަރު ޕޮލިހަށް ބުނެވުނު ދޯ ވެއްޓެމުން ތަނެއްގަ ޖެހުނީއޭ. ބުނި ފަހުން އޭނައަށް އެނގުނީ ޖެހޭނެ ތަނެއް ނެތްކަން ވެސް. ކަމެއް ފޮރުވަން އުޅޭހެން ހިޔެއްނުވޭތަ؟ އަހަރެން ކައިރީގަ މީހަކު ބުނި އިޔާދު ތިރިޔަށް ބާލަނިކޮށް އެއްފަހަރަކު ކައްސާލިޔޭ ވެސް. ނޭނގޭ ކަންތައްގަނޑެއް އެބަ އުޅޭ! އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟"

"ހިޔެއްނުވޭ!" ފަރީހާން ބުންޏެވެ. "ވަޒީފާ ގެއްލިގެން އެ ކަމާ ވަރަށް ދެރަވެގެން އޭނަ އުޅުނު."

އޯޓޮޕްސީ ރިޕޯޓު ތައްޔާރުވަމުންދިޔަ އިރު، އިތުރު ކޮޅުތައް މަޑުމަޑުން ފެންނަމުންދިޔައެވެ. އެ ކަންތައް ފެނުނީ، ފެނިދާނެކަމަށް ހީ ވެސް ނުކުރާ ދިމާއަކުންނެވެ. އުސް އިމާރާތަކުން ދިވެއްސަކު ވެއްޓި މަރުވި ވާހަކަ ރާއްޖޭގެ ނޫސްތަކުގައި ޖެހިއެވެ. ފުންމާލިކަމަކަށް އެއްވެސް ނޫހަކު ނުޖަހައެވެ. ވެއްޓުނީ ދާގަނޑެއް މައްޗަށްކަމެއް ވެސް ޖަހައިފައެއް ނެތެވެ. ކެނެޑާ ނޫސްތަކުގައި އެ ޚަބަރު ޖެހީ ވަރަށް ފަނޑުކޮށެވެ. ފަލަސުރުހީއަކަށް ނާރައެވެ. ފަރީހާންގެ ލޮލުގައި އަޅައިގަންނަން ފެށީ، ދިވެހި ނޫސްތަކުގައި މީހުން ލިޔެފައިހުރި ކޮމެންޓެވެ. ގިނަ މީހުން ބުނެފައިހުރީ ހެޔޮބަސްތަކެވެ. ކޮށްފައި ހުރީ ހެޔޮ ދުއާއެވެ. ނައްސި އެއްޗެއް ބުނެފައިހުރީ ތިން ކޮމެންޓެވެ.

"ތި ވާނީ ފުންމާލީކަމަށް،" ފުރަތަމަ ކޮމެންޓުގައި އޮތެވެ. "ހެސްކިޔާފަ މީހުންނަށް ދަރާ އޮތީ. އަހަރެން އަތުން ވެސް ސާޅީސް ހާސް ރުފިޔާ ނެގި. އެންމެ ލާރިއެއް ވެސް ނުދިން. ފޯނެއް ނަގަނީކީ ނޫން. މެސެޖަށް ޖަވާބެއް ދެނީކީ ނޫން."

"ވަރަށް ހީވޭ ފުންމާލީހެން،" އެހެން ކޮމެންޓެއްގައި އޮތެވެ. "ތި އިޔާދު ހުރިހާ ކަޓެއްނަގަނީ އޭނަގެ ޔުނީފޯމުން. ސީދާ ޑުރަގު ޑީލަރެއް. ހާދަހާ ލާރިއެކޭ ގެންގުޅެނީ. އެނގޭތީ މި ބުނަނީ. ވަޒީފާ ގެއްލުނީމަ އެ ސޮރު ބޯގޮވީ."

"އިޔާދު އުޅުނު ކެނެޑާ ބިޓު ކަޓައިގެން،" ތިންވަނަ ކޮމެންޓުގައި އޮތެވެ. "މި ޚަބަރު ލިޔުނު ރިޕޯޓަރު އިޔާގެ އެފްބީޔާ އިންސްޓާ ބަލައިލި ނަމަ.."

ހަމަ އެކަނި ފަރީހާން ނުދިން ފައިސާއަށް ވުރެ ސަބަބުތައް ގިނަކަން ފަރީހާނަށް ވިސްނެން ފެށީ އެ ހިސާބުންނެވެ. އެފްބީއާއި އިންސްޓަގްރާމް ބެލި އިރު އެ ފަދަ އެއްވެސް ވާހަކައެއް ނެތެވެ. ހުރި އެއްޗެއް ހުރީ ފުހެލައިފައެވެ. އަނެއްކާ އެހެން ދިމާއަކަށް ވެސް ތަހުގީގު މިސްރާބުޖެހިއެވެ. އޯޓޮޕްސީ ރިޕޯޓު ލިބުނު ހިސާބުންނެވެ. އެ ކަމާ ހައިރާން ނުވާ އެކަކު ވެސް ނެތެވެ. އިޔާދު މަރުވި ސަބަބެއްކަމުގައި ރިޕޯޓުގައި އޮތީ ބޮލަށް ވަޒަނެއް އެރުމެވެ.

ނުނިމޭ