މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިސާބު 7،062.65ރ. އަށް އިތުރުވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން މުދަލުގެ ޒަކާތުގެ ނިސާބަކީ 5،777.45ރ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 7،062.65ރ. އަށް އިތުރުވެފައިވާ ކަމަށެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. އެއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ.