20 ޖެނުއަރީ 2017 - 06:59

އައު އަހަރަށް ބޮލީވުޑް މަރުހަބާ ކިޔާފައިވަނީ ވަރަށް ކުލަ ގަދަކޮށެވެ. ޖިޔޯ ފިލްމްފެއާ އެވޯޑްސްގެ 62 ވަނަ ހަފުލާ މުމްބާއީގައި ބޭއްވި އިރު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ފިލްމްފެއާ އެވޯޑްގެ ރަތް ދޫލަމަތިން ފެނުނީ ވަރަށް ނަލަކޮށެވެ.

މި ހަފުލާއިން ސޯނަމް ކަޕޫރް، ޖެކެލިން ފާނަންޑެޒް، އާލިއާ ބަޓް އަދި ޝާހިދް ކަޕޫރު ފަދަ މަގުބޫލު ތަރިންގެ ސްޓައިލް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ބޮލީވުޑްގެ ތަރިންގެ ސްޓައިލް ފަހަކަށް އައިސް ވަރަށް ބޮޑަށް ބަދަލު ވެއްޖެކަން ފާހަގަވެ އެވެ. އިންޑިއާގެ ސަގާފީ ސާޅީ ހެދުމުގެ ބަދަލުގައި ގިނަ ތަރިން ލަނީ ހުޅަނގުގެ ސްޓައިލްތަކުގެ ދިގު ގައުން އެވެ. މިއަހަރުގެ ހަފުލާގައި ގިނަ ތަރިން ލައިގެން ތިބީ އެކި ޒާތުގެ "ޕްރިންސަސް ސްޓައިލް"ގެ ގައުނެވެ. އެގޮތުން، އާލިއާ ބަޓްގެ ހެދުން ވަރަށް ސާދާވެފައި ހިތްގައިމެވެ. މަޑު ފިޔާތޮށި ކުލައިގެ ގައުނަކާ އެކު އާލިއާގެ މޭކަޕް އަދި އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އާލިއާގެ ހެދުން ފަރުމާކުރީ ނޭޕާލަށް ނިސްބަތްވާ މަޝްހޫރު ޑިޒައިނާ ޕްރަބާލް ގުރުން އެވެ.

ރެޑް ކާޕެޓްގެ ރާނީ އަދި އިންޑިއާގެ ސްޓައިލް އައިކޮން ސޯނަމް ކަޕޫރަކީ ހުޅަނގުގެ އަދި އިންޑިއާގެ އެންމެ ބޮޑު ބްރޭންޑުތަކުގެ ޑިޒައިންތަކަށް ލޯބިކުރާ ތަރި އެކެވެ. އޭނާ މިއަހަރު ލައިގެން ހުރީ މަޝްހޫރު ޑިޒައިނާ އެލީ ސާބްގެ ހެދުމެކެވެ. ސޯނަމްގެ ހުދު ހެދުމާ އެކު އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއް ހުއްޓެވެ. ރަން ކުލައިގެ އަތް ދަބަހަކާއި ކަންފަތު މުދި އަދި އަނގޮޓިއެއް ހެދުމާ ގުޅޭ ގޮތަށް އަޅާފައިވެ އެވެ.

މޮޑެލް އަދި އެކްޓްރެސް ޖެކެލިން ފާނެންޑެޒްގެ އަޅި ކުލައިގެ "ވަން ޝޯލްޑާ" ގައުން ފަރުމާކޮށްފައި ވަނީ ކުވައިތުގެ ފެޝަން ލޭބަލް އަލީ ޔޫނުސް ކުޓުއާ އެވެ. ޖެކެލިންގެ އިސްތަށިގަނޑު ދޫކޮށް ސްޓައިލް ކޮށްފައި ވާއިރު މޭކަޕް ވަރަށް ސާދާ ވެފައި ހިތްގައިމެވެ. އޭނާގެ ހެދުމާ ގުޅުވާލާފައި ހުރީ ރިހި ކުލައިގެ ގަހަނާ އެވެ.
ފިލްމްފެއާގެ ރެޑް ކާޕެޓް މަތީން ފެނުނު ފިރިހެން ތަރިންގެ ތެރޭގައި ސަލްމާން ހާން، ޝާހިދް ކަޕޫރް އަދި ސިދްހަރްތު މަލްހޯތުރާ ހިމެނެ އެވެ. ގިނަ ފިރިހެން ތަރީން ލައިގެން ތިބީ ކަޅު ކުލައިގެ ސޫޓެވެ.
މި ފަހަރުގެ ފިލްމްފެއާ އެވޯޑް ހަފުލާއިން ވިދާލީ ބޮލީވުޑް އަންހެން ތަރިންގެ ސްޓައިލެވެ. މިފަދަ ކޮންމެ ބޮޑު އެވޯޑް ހަފުލާއަކީ ކުރިއަށް ހުރި ރެޑް ކާޕެޓް ހަފުލާތަކުގައި ފެންނާނެ ޓްރެންޑްތައް ފެށޭ މުނާސަބަތުތަކެވެ. އެހެންވެ، މިއަހަރު އިންޑިއާގެ އެކި ހިސާބުތަކުގައި ފާހަގަކުރާނެ ބޮޑު ހަފުލާތަކުގައި ފެންނާނީ ޕްރިންސެސް ސްޓައިލްގެ ގައުން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.