31 ޖެނުއަރީ 2023 - 19:11

ރ. އަދި ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ނުވަތަ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ސައިނޮސޯ، ޔިންގްލީ ކޮންސޯޓިއަމް ކުންފުންޏާ ކަމަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަމިނަތު ޝައުނާ އެވެ. އަދި ސައިނޮސޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ސާއޯ ސިއޯ މިންގް އެވެ.
އެ އެއްބަސްވުމުގެ ދަށުން ރ. އަދި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓްގެ ސޯލާ ޕީވީ، 7.66 މެގަވޮޓް އަވަގެ ބެޓްރި އެނާޖީ ސްޓޯރޭޖް ސިސްޓަމް އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ވެސް ގާއިމްކުރާނެ އެވެ. އެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އެ ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ މަޝްރޫއު ނިމުމުން އަހަރަކު 47 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރު ކުރާ ވިހަ ގޭހުގެ ތެރެއިން 7،900 ޓަނުގެ ކާބަންޑައިއޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުއަށް 18.24 މިލިއަން އެމެރިކާ ޑޮލަރު (280 މިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
މިނިސްޓްރީން ބުނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ރާއްޖެއިން އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.