02 ފެބުރުއަރީ 2023 - 06:44

ރަނގަޅު ސިއްހަތެއްގައި ތިބުމަށް، ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 7-8 ގަޑިއިރުގެ ނިދި އިންސާނަކަށް ބޭނުންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. އެކަމަކު ގިނަ މީހުންނަށް ނިދުމަށް އެހާ ވަގުތު ލިބޭ ކަމަކަށް ނުވެ އެވެ. އަނެއް ބަޔަކަށް، ނިދަން މާ އުނދަގުލީ އެވެ.

މިއީ ނިދަން އުނގުވާ ނަމަ ކޮށްލެވިދާނެ ބައެއް ކަންކަމެވެ.

ޑޮކްޓަރުން ލަފާދޭ ގޮތުގައި ކޮންމެ ދުވަހަކު ނިދުމުގެ ކުރިން ކިރުތައްޓެއް ބޯ ނަމަ، އޭގައި ހުންނަ ރަނގަޅު އެސިޑްގެ ބާވަތަކުން ދުވާލުގެ ވަރުބަލިކަން ފިލުވާލަދީ، ނިދުމަށް އެހީއަކަށްވާނެ އެވެ.

ކޮންމެ ރެއަކު ނިދުމުގެ ކުރިން 2-5 މިނޭޓާ ދެމެދުގެ ވަގުތަކަށް ފައިގެ ދަށްފުށް ލުއިކޮށް މަސާޖުކޮށްލުމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. އެ މީހުން ބުނާ ގޮތުން، ދަށް ފައިގެ ޕްރެޝަ ޕޮއިންޓްތަކުގައި މަސާޖުކުރުމުން ވަރަށް ބޮޑު ލުޔެއް ލިބި ރަނގަޅަށް ނިދާލެވޭނެ އެވެ.
ނިދާ ވަގުތާ ކައިރިކޮށް، ކާބޯހައިޑްރޭޓް އެކުލެވޭ ބާވަތުގެ ކެއުންތައް ބޭނުން ކުރުމުން ހަޖަމުކުރަން އުނދަގޫވާނެ އެވެ. އެހެންވެ، ރޭގަނޑު ކެއުމުގައި ޕާސްތާ، ބާގަ، ރޮށި ފަދަ ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭ ކެއުންތަކުގެ ބަދަލުގައި، ހަޖަމްކުރަން ފަސޭހައަށް ސިއްހަތަށް ފައިދާހުރި ލުއި ޑައިޓެއް ބޭނުން ކުރަން ސިއްހީ ބޭފުޅުން ލަފާދެއްވަ އެވެ.
ރޭގަނޑު ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލުމަކީ ވެސް އަރާމުގައި ނިދާލެވޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ދުވަހުގެ ވަރުބަލިކަން ފިލުވައިދީ ސިކުނޑި ވެސް ތާޒާކޮށްދޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ކޮންމެ ދުވަހަކު ވެސް ނިދަން އޮށޯތުމުގެ ކުރިން ފޯނާއި، ލެޕްޓޮޕް އަދި ޓީވީ ނިއްވާލައި ނުވަތަ އެ ތަކެއްޗާ ދުރުވެ، ސިކުނޑި އަރާމުކޮށްލަން ވަގުތު ދޭށެވެ. ސިކުނޑީގެ ސެލްތައް ރިލެކްސް ވުމުން، ރޭގަނޑު އަރާމު ނިންޖެއް ލިބި، އެއްވެސް ވަރުބަލިކަމެއް ނެތި އަނެއް ދުވަސް ފެށޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވަހުން ދުވަހަށް ދިރިއުޅުމުގައި މި މުހިއްމު އާދަތައް ގެންގުޅުމުން ރަނގަޅު ނިންޖެއް ލިބޭނެ އެވެ.