17 ޖެނުއަރީ 2017 - 14:06

މީގެ ތިން އަހަރު ކުރިން 239 މީހުންނާ އެކު ގެއްލުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓު ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓާލައިފި އެވެ.

އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާއިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ 120،000 އަކަ ކިލޯމީޓަރު (46،300 މޭލު)ގެ ސަރަހައްދެއް ބެލުމަށް ފަހު ވެސް އުންމީދީ ނަތީޖާއެއް ނުލިބުނު ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލުމަކީ އުނދަގޫ ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްއެޗް370 ގެއްލުނީ މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންއަށް ދަނިކޮށް 2014 ވަނަ އަހަރު އެވެ.
ބޯޓު ހޯދަން ކުރި މަސައްކަތުން އޭގެ އެއްވެސް ނިޝާނެއް ނުފެނުނު ނަމަވެސް އެކި ގައުމުތަކުން ވަނީ ބޯޓާ ގުޅުން ހުރި ކަމަށް ބެލެވޭ 20 އެއްޗެއް ފެނިފަ އެވެ. އޭގެ ތެރެއިން ހަތް އެއްޗަކީ ގެއްލުނު ބޯޓުން ވަކިވެފައިވާ ބައިތައްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ބޯޓު ވެއްޓިފައި ވަނީ ވަރަށް މައްޗަށް އެރުމަށް ފަހު އޮލަނބަށްވާ ގޮތަށް އިންޑިއާ ކަނޑަށް ކަމަށެވެ.
ބޯޓު ހޯދަން ވަރަށް ގިނަ ދިރާސާތައް ކޮށް ވަރަށް ބޮޑު ސަރަހައްދެއް ހޯދާފައި ވިޔަސް ބޯޓު އޮތް ތަނެއް ދެނެގަނެވޭ ފަދަ އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ގެއްލުނު ބޯޓުގައި ތިބި މީހުންގެ އާއިލާތަކުން ވަނީ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އާއިލާތަކުން އުފައްދާފައިވާ ޖަމާއަތަކުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށާއި މިކަމުން އާއިލާތަކުގެ ހިތާމަ އިތުރުވެއްޖެ ކަމަށެވެ.