31 ޖެނުއަރީ 2023 - 10:45

މި އަހަރުގެ ޖޫން 20 އިން ޖުލައި 3 އަށް ބާއްވަން ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯސްޓުކުރަން ހުށަހެޅީ ނޭޕާލް އެކަނި ކަމަށްވުމުން، އެ މުބާރާތް އޮންނާނީ ފަރުބަދަމަތީ ގައުމުގައިކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހިލާލްއާ ހަވާލާދެއްވައި ބަންގްލަދޭޝްގެ ޕްރޮތޮމް އަލޯ ނޫހުން ބުނާ ގޮތުގައި، މުބާރާތް ބާއްވާނެ ގައުމަކާ މެދު ގޮތެއް ނިންމާނީ ފެބްރުއަރީ ކުރީކޮޅު ބަހުރޭނުގައި އޮންނަ އޭއެފްސީ ކޮންގްރެސްގެ ހަވާސާގައި ބާއްވާ ސާފްގެ ބައްދަލުވުމުގައި ކަމަށެވެ.
"އެކަމަކު އިތުރު ގައުމަކުން ކުރިމަތިލާފައިނުވާތީވެ ނޭޕާލަށް ލިބިފައޭ އޮތީ ވެސް ބުނެވިދާނެ،" އަންވަރުލް ހައްގު ވިދާޅުވި އެވެ.
އެ ނޫހުން ބުނާ ގޮތުގައި ރާއްޖޭން، 2021 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިސާ ސާފް އަށް ދައްކާފައިނުވާތީވެ، މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ނެތް ކަމަށެވެ. އެކަމަކު ސާފް އަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނާ ވާހަކަތައް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ ދޮގުކުރައްވައިފަ އެވެ.
އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ އާއި ބޫޓާނުން މުބާރާތް ބޭއްވުމުގެ ޝައުގެއް ނެތެވެ. ބަންގްލަދޭޝް އިން ޝައުގުވެރިވި ނަމަވެސް އެ ގައުމުގެ މައި ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް ނުނިމޭތީ ބޭއްވެން ނެތެވެ. ދެން އޮތް ދެ ގައުމުގެ ތެރެއިން ސްރީ ލަންކާ އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. އަދި ސަލާމަތީ ސަބަބުތަކާ ހެދި ޕާކިސްތާނުގައި ބާއްވަން އެހެން ބައެއް ގައުމުތައް ދެކޮޅެވެ.
ނޭޕާލުން ވަނީ މީގެ ކުރިން ދެ ފަހަރު މި މުބާރާތް ބާއްވައިފަ އެވެ. އެގޮތުން 1997 ގައި ބޭއްވި ފަހަރު ރާއްޖެ 5-1 އިން ބަލިކޮށް ތަށި ހޯދީ އިންޑިއާ އެވެ. އަދި 2013 ގައި އޮތް ފަހަރު އިންޑިއާ 2-0 އިން ބަލިކޮށް ތަށި ހޯދީ އަފްގާނިސްތާނެވެ.
ލަންކާ ސަސްޕެންޝަނުގައި އޮތުމުންނާއި އަފްގާނިސްތާން ސާފް އިން ވަކިވެފައިވާތީ މުބާރާތުގައި ބައިވެރިވާނީ ހަ ގައުމެކެވެ. އެއީ ޗެމްޕިއަން އިންޑިއާ، ރާއްޖެ، ނޭޕާލް، ޕާކިސްތާން، ބޫޓާން އަދި ބަންގްލަދޭޝް އެވެ.
އެންމެ ފަހުގެ މުބާރާތުގައި ފަސް ޓީމު ބައިވެރިވުމުން ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށް ކުޅުނު ނަމަވެސް ބެލެވޭ ގޮތުގައި މި އަހަރު އޮންނާނީ ތިން ޓީމުގެ ދެ ގްރޫޕުގެ އުސޫލުންނެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ އިން މި ފަހަރު ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމެވެ. އިންޑިއާ އިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތަށް ފޮނުވީ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެ ފަހަރު އިންޑިއާ އިން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް ތަށި ހޯދި އެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވަން މިދިޔަ އަހަރުގެ ޖޫން މަހު ގޮވާލައިފަ އެވެ.
"ބޮޑު ވަރަކަށް އަހަރެމެން އަތުން ތަށި ގެއްލޭނީ. އެކަމަކު އަހަރެމެން އަތުގައި މިހާރު ވެސް 8 ތަށި އެބައިން. އެހެންވީމާ ބަލިވިޔަސް އެއީ މައްސަލައަކަށް ނުވާނެ،" ޗެތުރީ ބުންޏެވެ.
އޭނާ ބުނީ އޭނާ އެގޮތަށް ދެކެނީ ސާފް ޗެމްޕިއަންޝިޕް މުހިއްމު ނުވާތީ ނޫން ކަމަށާއި އެކަމަކު މިދިޔަ 15 އަހަރު ދެކުނު އޭޝިއާގައި އިންޑިއާ އިން ރަނގަޅަށް ވާދަކޮށްފައިވާތީވެ، އެ ރިސްކު ނެގެން އޮތުމުން ކަމަށެވެ.