31 ޖެނުއަރީ 2023 - 11:38

ވަލަޑޮލިޑް (ޖެނުއަރީ 31) - ސްޕެނިޝް ލީގުގެ ވެލެންސިއާގެ ކޯޗު ޖެނާރޯ ގަޓޫސޯ މަގާމުގައި ހަތް މަސް ހޭދަ ކުރުމަށް ފަހު ކުލަބް ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ގަޓޫސޯ، 45، ވެލެންސިއާ ގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އަހަރެއް ނުވަނީސް ގަޓޫސޯ ޓީމު ދޫކޮށްލީ ދެފަރާތް އެއްބަސް ވެގެން ކަމަށް އެ ކުލަބުން ރޭ ނެރުނު ބަޔާނެއްގައިވެ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެލެންސިއާ މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. ލީގުގައި މި އަހަރު އަދި މޮޅެއް ނުހޯދޭއިރު، އެންމެ ފަހުން ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޓީމު ވަނީ ތާވަލްގެ 14 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ އެންމެ ޕޮއިންޓެއް ކުރީގަ އެވެ.
މި އަހަރުގެ ސްޕެނިޝް ކަޕުގައި ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ކުއާޓާ ފައިނަލް ގައި ބަލިވީ އެތުލެޓިކޯ ބިލްބާއޯއާ ވާދަ ކޮށްގެންނެވެ. މިދިޔަ އަހަރުގެ ސްޕެނިޝް ކަޕުގެ ފައިނަލުގައި ވާދަކުރި ޓީމެއްގެ ހައިސިއްޔަތުން މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ގައި ވެލެންސިއާ ކުޅެފައިވެ އެވެ. ނަމަވެސް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
އިޓަލީގެ ކުރީގެ އިތުބާރު ޑިފެންސިވް މިޑްފީލްޑަރު ގަޓޫސޯ ކުޅުން ހުއްްޓާލުމަށް ފަހު ކޯޗިން އަށް ނުކުތީ 2013 ވަނަ އަހަރު އެވެ. އޭނާގެ ވަނީ ނަޕޯލީ އާއި އޭސީ މިލާނަށް ވެސް ކޯޗު ކޮށްދީފަ އެވެ.
އިޓަލީ އާއެކު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައިވާ ގަޓޫސޯގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީ އަކީ 2020 ވަނަ އަހަރުގެ އިޓާލިއަން ކަޕް ނަޕޯލީ އަށް ހޯދައިދިނުމެވެ.