01 ފެބުރުއަރީ 2023 - 06:50

އެންމެ މަގްބޫލު މާންގާ ސީރީޒްތަކުގެ ތެރޭގައި ހިމެނޭ "ވަން ޕީސް" ގެ ލައިވް-އެކްޝަން އެޑަޕްޓޭޝަނެއް މި އަހަރު ނެޓްފްލިކްސް އަށް އަންނާނެ ކަމަށް ބުނެފި އެވެ.
ޖަޕާނުގެ އެ މަންގާ ސީރީޒްގެ ލީޑު ކެރެކްޓާ މަންކީ ޑި ލޫފީގެ ޓީޒާއާ އެކު ނެޓްފްލިކްސް އިން ވަނީ ލައިވް-އެކްޝަން ސީރީޒްގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފަ އެވެ. އެ ސީރީޒް ނެރޭނެ ތާރީހެއް އިއުލާނު ނުކުރެ އެވެ،
ލައިވް-އެކްޝަން ސީރީޒް ބިނާވެފައިވަނީ، އޭގެ އެގްޒެކެޓިވް ޕްރޮޑިއުސާ އެއީޗީރޯ އޯޑާގެ "ވަން ޕީސް" މާންގާ ސިރީޒަށެވެ. އެ ސީރީޒްގެ ކާސްޓުން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި، އިނިއާކީ ގޮޑޯއީ (ލޫފީ) އާއި މެކެންޔޫ (ޒޯރޯ) އާއި، އެމިލީ ރަޑް (ނާމި) އާއި، ޖޭކޮބް ރޮމޭރޯ (އުސޯޕް) އަދި ޓެޒް ސްކައިލާ (ސަންޖި) ހިމެނެ އެވެ. އެހެން ކާސްޓުން ފަހުން އިއުލާނުކުރާނެ ކަމަށް ނެޓްފްލިކްސް އިން ބުނެ ބުންޏެވެ.
"ވަން ޕީސް" ބިނާވެފައިވަނީ ކަނޑުފޭރޭ މީހުންގެ ރަސްކަލަކަށް ވުމަށް ދަތުރެއް ފަށާ ޒުވާނެއް ކަމަށްވާ ލުފީގެ މައްޗަށާއި މަޝްހޫރު "ވަން ޕީސް" ގެ ހަޒާނާ ހޯދުމަށެވެ.
އެންމެ ފުރަތަމަ 1997 ވަނަ އަހަރު ނިކުތް މަންގާގެ އިތުރުން، 1،000 އަށް ވުރެ ގިނަ އެޕިސޯޑާ އެކު 20 ސީޒަންގެ "ވަން ޕީސް" އެނިމޭ ސީރީޒެއް ވެސް ވަނީ ނެރެފަ އެވެ. އަދި މިހާތަނަށް "ވަން ޕީސް" ގެ މައްޗަށް ބިނާކޮށް 15 ފިލްމެއް ވަނީ ހަދައިފަ އެވެ.
"ވަން ޕީސް" މަންގާ އަދި އެނިމޭ އަކީ ރާއްޖޭގެ ވެސް ބައެއް ޒުވާން އަދި ކުޑަ ކުދިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ ސީރީޒެކެވެ.