31 ޖެނުއަރީ 2023 - 10:35

ބީއެމްއެލަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެކަމަކު، މިއީ 2021 ގައި އެ ކުންފުންޏަށް ލިބުނު ފައިދާއަށް ވުރެ 300 މިލިއަން ރުފިޔާ ދަށް އަދަދެކެެވެ. އެ އަހަރުގެ ފައިދާއަކީ 1.7 ބިލިއަން ރުފިޔާ އެވެ. އެހާ ބޮޑު ފައިދާއެއް 2021 ގައި ލިބުނީ އަމިއްލަ ފަރާތަކެއްގެ ބޮޑު ލޯނެއް އެއްފަހަރާ ދެއްކުމުންނެވެ.
ބޭންކުން ބުނީ މިދިޔަ އަހަރު އެ ކުންފުނީގެ އެސެޓު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު ކަމަށެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވެސް 1.8 ބިލިއަން ރުފިޔާ އަށް އިތުރުވި ކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ބުންޏެވެ. އެ ބޭންކުން މިދިޔަ އަހަރު ދޫކުރި ލޯނުގެ ފެންވަރު ރަނގަޅުވެ، އާންމުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، މި އަހަރު އެ ބޭންކްގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
"ދެހާސް ބާވީސް ވަނަ އަހަރަކީ ބޭންކަށް ވަރަށް ވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މި ވަނީ ހިންގާފައި،" އޭނާ ވިދާޅުވި އެވެ.
ކާލް ސްޓުމްކަ ވިދާޅުވީ، އެއީ ބީއެމްއެލްގެ ކަސްޓަމަރުންނާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގި ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް ކަމަށެވެ.
"މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލުން އަންނަނީ 350،000 ކަސްޓަމަރުންނަށް މިހާރު ވެސް ހިދުމަތް ދެމުންނެވެ.