މިފަހަރު އެވަޓަން ސަލާމަތް ކުރުމުގެ ޒިންމާ ޝޯން ޑައިސް އަށް
މިފަހަރު އެވަޓަން ސަލާމަތް ކުރުމުގެ ޒިންމާ ޝޯން ޑައިސް އަށް

ލިވަޕޫލް (ޖެނުއަރީ 31) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން އެވަޓަން ރެލިގޭޓް ނުވެ ސަލާމަތް ކުރުމުގެ ޒިންމާ ކުރީގެ ބާންލީ ކޯޗު ޝޯން ޑައިސް އާ ހަވާލު ކޮށްފި އެވެ.

ރެލިގޭޝަންގެ ބިރާ އެކު އެވަޓަން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ގައި އެޓީމާ ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑް މަގާމުން ވަކި ކޮށްފަ އެވެ. ދަށް ނަތީޖާތަކަކާ އެކު އެވަޓަން މިވަގުތު އޮތީ ލީގުގެ ފަހަތުން ދެ ވަނައިގަ އެވެ.

އުމުރުން 51 އަހަރުގެ ޑައިސް މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާންލީގެ ކޯޗުކަމުން ވަކިކުރި ފަހުން އެވަޓަން އާ ހަވާލުވުމާ ހަމައަށް ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ބާންލީގެ ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. މި މުއްދަތުގައި އޭނާ ވަނީ 2016/2017 ސީޒަނުގައި ބާންލީ އަށް ލީގުގެ ހަތް ވަނަ ހޯދައިދީ، ބައި ގަރުނަށް ފަހު ފުރަތަމަ ފަހަރަށް އެ ޓީމު ޔޫރަޕުގެ މުބާރާތަކަށް ކޮލިފައި ކޮށްދީފަ އެވެ.

ޑައިސް އެވަޓަން އާ ގުޅުނީ ދެ އަހަރާ ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޖޫން 2025 އާ ހަމައަށެވެ.

އެވަޓަން އާ ހަވާލު ވުމަށް ފަހު ޑައިސް ބުނީ، ސްކޮޑުގައި ކޮލިޓީ އެބަހުރި ކަމަށާއި ކުޅުންތެރިން ވިދާލަން މަސައްކަތް ކޮށްދިނުމަކީ އޭނާގެ މަސައްކަތެއް ކަމަށެވެ.

"އަމާޒަކީ މަސައްކަތުގެ ރޭޓް ރަނގަޅު، ކްލަބަށް ލޯބިކުރާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ބިނާކުރުން،" ޑައިސް ބުންޏެވެ.

"އޭރުން ވީހާ ވެސް އަވަހަށް ސަޕޯޓަރުންނާ އޮންނަ ގުޅުން ރަނގަޅު ވާނީ، އެއީ ވަރަށް ޕެޝަނޭޓް ބައެއް. ސްކޮޑުގައި ކޮލިޓީ އެބަހުރި. އެކަމަކު އަހަރެން އެބަ ޖެހޭ އެ ކުޅުންތެރިންނަށް ވިދާލުމަށް މަގު ކޮށައިދޭން. އެއީ އަހަރެންނާ އަހަރެންގެ ޓީމުގެ މަސައްކަތަކީ."

ޑައިސް އަކީ އެވަޓަންގެ މެޖޯރިޓީ އޯނަރު ފަރުހާދު މޮޝީރީ 2016 ވަނަ އަހަރު އާސެނަލްގެ ހިއްސާ ވިއްކާލައި އެވަޓަން ގަތުމަށް ފަހު އެ ކުލަބުން ގެނައި ހަތް ވަނަ ކޯޗެވެ.

ތަޖުރިބާކާރު ކޯޗު ޑައިސް އިތުރަށް ބުނީ އޭނާ އާއި އޭނާގެ ސްޓާފުން ތިބީ އެވަޓަން އަލުން ރަނގަޅު ޓްރެކަށް ގެނެސް ސަޕޯޓަރުން އުފާކޮށްދެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

އެވަޓަން ވަނީ މި ސީޒަންގެ އެފްއޭ ކަޕާއި ލީގް ކަޕުން ވެސް ކަޓައިފަ އެވެ. އާ ކޯޗާ އެކު އެޓީމު ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ލީގުގައި، އެއް ވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.